ދަރިފުޅު ދޭވީގެ އުފަން ދުވަސް ފާހަގަކުރުމަށް ބިޕާޝާގެ ދެމަފިރިން ރާއްޖެއަށް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުތެރޭ ބިޕާޝާގެ އާއިލާ ރާއްޖޭގައި--ފޮޓޯ/ޕިންކްވިލާ

މި ދުވަސްވަރު ދިވެހިރާއްޖެއަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ގިނަ ސެލެބްރިޓީން އެންމެ ގިނައިން ޗުއްޓީއަށް ޒިޔާރަތްކުރާ އެއް ޤައުމަށް މިވަނީ ވެފައެވެ.


މި ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަކީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާ ބަތަލާ ބިޕާޝާގެ އާއިލާއެވެ. މީގެކުރިންވެސް ރާއްޖެއަށް ވަރަށް ގިނަ ފަހަރު މަތިން ޒިޔާރަތް ކޮށްފައިވާ ބަތަލާގެ މިފަހަރުގެ ދަތުރު ޚާއްސަކޮށްފައި ވަނީ މިއަދު އުމުރުން ދެ އަހަރުފުރޭ ތުއްތު ތުއްތު ދޭވީގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ރާއްޖެ އައުމަށްފަހު ބިޕާޝާ ވަނީ އިންސްޓަގްރާމް އާއިލާއަށް ބަތަލާ ރާއްޖޭގައި ހުރިކަން އަންގާފައި--ފޮޓޯ/އިންސްޓަގްރާމް

ބިޕާޝާ ރާއްޖެ އައިކަން ބަތަލާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯތަކުން އެނގެން ހުރިއިރު މި އާއިލާއިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގެ ރިސޯޓެއް ކަމަށްވާ އޮޒެން ރިޒާވް ބޮލިފުޝީގައެވެ.

މި ރިސޯޓުން ބިޕާޝާގެ އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ބަތަލާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯގައި ބުނެފައި ވަނީ ދަރިފުޅު ދޭވީގެ އުފަންދުވަސް ފާހަގަ ކުރުން ފެށުނީ ކަމަށެވެ.

ދިވެހިރާއްޖެ އަކީ ބިޕާޝާގެ އެންމެ މަގުބޫލު އެއް މަންޒިލަށްވެފައި ވާއިރު ދަރިފުޅު ދޭވީގެ ފުރަތަމަ އުފަންދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ވެސް ބިޕާޝާ ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ހަމައެއާއެކު ބިޕާޝާ އާއި ކަރަންގެ ކައިވެނީގެ އަހަރުފުރުން އަދި އުފަންދުވަސް ފަދަ ހަޔާތުގެ ޚާއްސަ ހަފުލާތައް ފާހަގަ ކުރުމަށް މި ދެމަފިރިން ވަނީ އެކިފަހަރުމަތިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިދިޔައަހަރު ބިޕާޝާގެ ދެމަފިރިން ރާއްޖެ ޒިޔާރަތްކުރި ދަނޑިވަޅަކީ އިންޑިއާގެ ބައެއް މީހުން ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް އެންމެ ބޮޑަށް ގޮވަމުން ދިޔަ ދުވަސްވަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް