އަންނަ އަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ދައުލަތުގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް ހުށަހަޅާފައިވީ ނަމަވެސް އެއީ 'މަކަރެއް' ކަމަށާއި، ޚަރަދުތައް ބޮޑު ވާނެ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، 2025 ވަނަ އަހަރަށް ހުށަހަޅާފައި އޮތް ބަޖެޓުގައި އިދާރީ ކަންކަމަށް ޚަރަދުތައް ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އިގްތިސާދީ ތަރައްގީއަށް ބަޖެޓުގައި ޚަރަދުތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވިއެވެ.
މި އަހަރާ އަޅައި ބަލާއިރު ގެދޮރުވެރިކަމަށް ޚަރަދުތައް ޖަހާފައި ހުރީ ވެސް 20 އިންސައްތަ ދަށުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގުޅުންހުރި ސަބްސިޑީ، އާސަންދަ އަދި ޕެންޝަން ފަދަ ކަންކަމުން ތިން ބިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. ހަމައެއާއެކު ކައުންސިލް ބްލޮކް ގްރާންޓް ކުޑަކުރަން ނިންމީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި އެކަމާ މެދު ވެސް އަމީރު ސުވާލު އުފެއްދެވިއެވެ.
އަމީރު ވިދާޅުވީ ޚަރަދުކުޑަކުރުމުގެ ބަދަލުގައި ފެންނަނީ މި ސަރުކާރުން އިސްރާފުކުރަން އުޅޭ މަންޒަރުކަމަށެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި، މިނިސްޓްރީތަކަށް ކުރާ ޚަރަދާއި، އެހެނިހެން އިދާރާތަކަށް ކުރާ ޚަރަދުތައް ބޮޑުވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ބަޖެޓުގައި ޚަރަދުކުރަން ޖަހާފައި އިނަސް ޚަރަދުކުޑަކުރެވޭނެ ގޮތެއް ނުފެނޭ. ޚަރަދުކުޑަކުރަން ބުނި ކަންކަން ހުރީ ޚަރަދު ބޮޑުކޮށް ޖަހާފައި. ހިސާބުގެ މަކަރަކުން އެކަން ކޮށްފައި މިއޮތީ. ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވޭ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
އަމީރު ވިދާޅުވީ ބަޖެޓުގައި އެއްވެސް ޓްރާންސްޕޭރެންސީއެއް ނުވަތަ ދެފުށް ފެންނާކަށް ނެތް ކަމަށެވެ.
އެގޮތުން ހުށަހަޅާފައިވަނީ 2023 ވަނަ އަހަރަށްވުރެ ހަ ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އަހަރުގެ މެދަކާ ހަމައަށް ދާއިރު އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.
ބަޖެޓު ހުށަހެޅުއްވި އިރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ހުންނާނެ ކަމަށާއި އެއީ ފަހުގެ ތާރީޚުގައި އެންމެ ކުޑަކޮށް ހުށަހެޅި ޑެފިސިޓު ބަޖެޓު ކަމަށެވެ.
ނަމަވެސް އަމީރު ވިދާޅުވީ ޑެފިސިޓު ކުޑަނޫން ކަމަށާއި އެއީ ވެސް 'މަކަރެއް' ކަމަށެވެ. އެގޮތުން ކުރީ އަހަރުތަކާ އަޅައިބަލާ އިރު އަންނަ އަހަރުގެ ބަޖެޓަކީ ޑެފިސިޓު ބޮޑު ބަޖެޓެއް ކަމަށް އަންދާޒާކުރެއްވިއެވެ.