މުދައްރިސުން ތަމުރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ފަށައިފި

ރައީސް މުއިއްޒު، މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފައްޓަވައިދެއްވަނީ: އެމަނިކުފާނު ވަނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްދެއްވާފައި -- ފޮޓޯ/ ރައީސް އޮފީސް

މުދައްރިސުން ތަމުރީނުކުރުމުގެ ގައުމީ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވަނީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ، ތައުލީމީ ދާއިރާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމެވެ. އަދި، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަމުރީނުވެފައިވާ، ފެންވަރު ރަނގަޅު، ދިވެހި މުދައްރިސުންތަކެއް ބިނާކުރުމެވެ.

މުދައްރިސުން ތަމުރީނުކުރުމުގެ ގައުމީ ޕްރޮގްރާމް ކުރިއަށްގެންދާނީ ސާނަވީ މަރުހަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މި އަހަރުގެ މި ޕްރޮގްރާމްގައި 135 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ޝައުގުވެރިކަން ފާޅުކޮށް ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ތަމުރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތައް ފާހަގަކޮށް އެ މާއްދަކަށް ޚާއްސަކޮށްގެނެވެ.

ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކެޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއާއި، ކޮލެޖް ޔުނިވަސިޓީތަކުންނާއި، ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ ކުރިން މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މުދައްރިސުން ތަމުރީނުކުރުމުގެ ގައުމީ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ވަނީ ދީފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދިވެހި މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމުރީންކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާގައި މަދުވުން ކަމަށްވާއިރު މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި 2،000 އަށްވުރެ ގިނަ މުދައްރިސުން ދާއިރާއަށް ބޭނުންވެއެވެ. އޭގެ ތެރެއިން ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭން 250 މުދައްރިސުން ބޭނުންވާކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް