ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ގާނޫނީ އަދަދަށްވުރެ މަދުކޮށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅިއިރު، ލޯކަލް ގަވަމެންޓް މިނިސްޓަރަށް އެކަން ރޭކާ ވެސް ނުލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ނަމުގައި މި ސަރުކާރުން އިތުރު މިނިސްޓްރީއެއް އުފެއްދީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލް ކުރުމުގެ ބޭނުމުގައެވެ.
މި ކަމާ ގުޅިގެން އެސްއެސްޓީވީގެ ބާރު ހަތަރެއްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވަނީ އެ މިނިސްޓްރީ އުފެއްދި ފަހުން ލާމަރުކަޒީ ނިޒާމަށް ލިބުނީ ކޮން ކުރިއެރުމެއްތޯ ސުވާލު ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ބަޖެޓެއް ހުށަހެޅިއިރު، އޭގައި އޮތީ ކޮން އެއްޗެއްކަން ވެސް އެ މިނިސްޓްރީއަށް އެނގޭހެން ހީނުވާ ކަމަށެވެ. ކައުންސިލްތަކަށް ދޭ ގްރާންޓު ކުޑަކޮށް މަޖިލީހަށް ބަޖެޓު ހުށަހެޅީތީ، އެ ކަމާ ނުރުހުން ފާޅުކުރައްވައި ނިޔާޒު ވިދާޅުވީ ބަޖެޓުގެ ތިން ބައިކުޅަ އެއްބައި މަދުވެގެން އައިއިރު ވެސް ވަޒީރަށް މިކަން ރޭކާ ނުލި ކަމަށެވެ.
"އެއީ ދެން ކީއްކުރާ ވަޒީރެއްތޯ؟ އެ އަށްވުރެން މާ ރަނގަޅެއް ނޫންތޯ އެ ވުޒާރާއަށް ބަޖެޓުކޮށްފައި އޮތް އަދަދު ކައުންސިލްތަކަށް ބަހައިގެން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރިއްޔާ. އެއީ އަޅުގަނޑުމެން ދެއްކި ވާހަކައަކީ" ނިޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތައް ބާރުވެރި ކުރުވުމަށް މާލޭގައި މަސައްކަތްތަކެއް ކޮށްގެން ލާމަރުކަޒީ ނިޒާމަށާއި ކައުންސިލްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަކަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ.
ބްލޮކް ގްރާންޓް ދޭން ހިމަނާފައިވާ އަދަދު ގާނޫނުގައި ބަޔާންކުރާ އަދަދަށްވުރެ މަދުވުމުން، ބްލޮކް ގްރާންޓަށް ކަނޑައެޅި ފައިސާއަށް މަދުވާ ބައި، ކޮންޓިންޖެންސީ ބަޖެޓުން ނަގަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ އެދިވަޑައިގެންފައެވެ.
އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އެއީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ އަދަދަށްވުރެ ކުޑަ އަދަދެކެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން ދަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އެ އަދަދު އިތުރުކުރަން 99.6 މިލިއަން ރުފިޔާ އިތުރަށް ބޭނުންވެއެވެ.