ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރިއާގެ އޭސީ މިލާނުން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް ބަލިކޮށް، އެންމެން ހައިރާން ކޮށްލައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބުކޮށްފައިވަނީ 3-1 އިންނެވެ.
ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށް، މެޗުގެ ލީޑު ނަގައިފައިވަނީ މިލާނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މަލިކް ތިއާއޮއެވެ. މިއީ އޭނާ މިލާންގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. މިއީ ބެލޮންޑިއޯ ކުޑަ ތަފާތަކުން ގެއްލިގެންދިޔަ ވިނީޝިއަސް އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ލަނޑު ޖެހުމާ އެކު ރެއާލްގެ ސަޕޯޓާރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާ، އުފާފާޅުކޮށްފައެވެ.
ނަމަވެސް ރެއާލްގެ ޓީމު މި ސީޒަންގައި މުޅިން ހަމައަކަށް އެޅިފައިނުވުމުގެ ފައިދާ މިލާނުން ވަނީ މެޗުގައި އެންމެ ފުރިހަމައަށް ނަގާފައެވެ.
ދެވަނަ ފަހަރަށް، 39 ވަނަ މިނެޓްގައި މިލާނަށް ލީޑު ނަގައިދިނީ ރެއާލްގެ އިތުރުން ވާދަވެރި އެޓްލެޓިކޯ މެޑްރިޑަށް ގިނަ އަހަރުތަކެއްގައި ކުޅެފައިވާ އަލްވާރޯ މޮރާޓާއެވެ. މެޗުގައި މިލާނުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓިޖާނީ ރެއިންޑާސްއެވެ.
މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ރެއާލްގެ އެންޓޯނިއޯ ރުޑިގާ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުންވަނީ އެ ލަނޑު ބަލައިނުގެންފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެފައިވުމުން އެ ޓީމު މިހާރު ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސްފައިވާކަން ހާމަކޮށްފައެވެ.
މި ކާމިޔާބީއާ އެކު މިލާން މިހާރު އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ 18 ވަނައިގައެވެ. އަދި، ރެއާލް މިހާތަނަށް ކުޅުނު ހަތަރު މެޗުން ދެ މެޗުން ބަލިވެފައިވުމުން އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ 17 ވަނައިގައެވެ.
މުބާރާތުގައި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދްހީވެންއާއި ސްޕެނިޝް ލަލީގާގެ ޖިރޯނާ ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބުކޮށްފައިވަނީ ޕީއެސްވީއެވެ. މެޗުގައި ވީއެސްޕީގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރަޔަން ފްލެމިންގޯ، މަލިކް ޓިލްމަން އަދި ޖޯހާން ބަކަޔޯކޯއެވެ. އެ ޓީމުގެ ފަހު ލަނޑަކީ ޖިރޯނާގެ ލަޑިސްލާވް ކްރެއިޗީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ކާމިޔާބީއާ އެކު ޕީއެސްވީ މިހާރު އޮތީ ފަސް ޕޮއިންޓާ އެކު ތާވަލުގެ 21 ވަނައިގައެވެ. އަދި، ޖިރޯނާ އޮތީ ތިން ޕޮއިންޓާ އެކު ތާވަލުގެ 26 ވަނައިގައެވެ.