އެމެރިކާގެ އިންތިޚާބުން މިހާތަނަށް ގުނި ވޯޓުން ޓްރަމްޕަށް އުއްމީދު ބޮޑު

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޓްރަމްޕްއާއި ކަމަލާ ހެރިސް --

އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާތަނަށް ގުނި ވޯޓުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ދައްކައިފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިއްޔެގެ ނިޔަލަށް ވޯޓުލައިފައިވާއިރު، މިހާތަނަށް ގުނި ވޯޓުތަކުން ކުރީގައި އުޅުއްވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޓްރަމްޕްއެވެ.

އެ އިންތިޚާބުގައި ކެންޑިޑޭޓުންނަށް ކުރި ލިބޭނީ އެ ބޭފުޅަކަށް އެންމެ ގިނައިން ވޯޓު ލިބޭ ސްޓޭޓެއްގެ ގޮތުންނެވެ. އެގޮތުން ކޮންމެ ސްޓޭޓެއްގައި ކޮންމެ ކެންޑިޑޭޓަކު ވެސް، އެ ސްޓޭޓެއްގެ ކޮންގްރެސް މެންބަރުންނާ އެއް އަދަދަކަށް 'އިލެކްޓާސް' ކަނޑައަޅައިފައި ތިބޭނެއެވެ.

އެހެންކަމުން ބައެއް ސްޓޭޓްތަކުގައި އިލެކްޓާސް ގިނައިރު، އެހެން ސްޓޭޓުތަކުގައި މަދުވާނެ އެވެ. މިސާލަކަށް ކޮންގްރެސްގައި މިޝިގަން ތަމްސީލުކުރަނީ 15 މެންބަރުން ކަމުން އެ ސްޓޭޓަށް 15 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭއިރު، ޕެންސިލްވޭނިއާ ތަމްސީލުކުރާ 19 މެންބަރުން ތިއްބަވާތީ އެ ސްޓޭޓަށް 19 އިލެކްޓާސް ލިބެއެވެ.

އެމެރިކާގެ އިންތިޚާބުގައި އާންމު ރައްޔިތުން ދޭ ވޯޓަށް ފަހު، ކޮންމެ ސްޓޭޓެއްގެ އިލެކްޓާސް ވެސް ފަހުން އެއްވެ، ވޯޓު ދޭނެއެވެ. އެގޮތުން އިލެކްޓާސްގެ ވޯޓު ދޭނީ އެ ސްޓޭޓެއްގެ އެންމެ ގިނަ ރައްޔިތުން ވޯޓު ދިން ކެންޑިޑޭޓަކަށެވެ.

މިހާތަނަށް އެކި މީޑިއާތަކުން އާންމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު:

ބީބީސީ

ޓްރަމްޕް: 230 އިލެކްޓޯރަލް ވޯޓު

ނައިބު ރައީސް ކަމަލާ ހެރިސް: 182 އިލެކްޓޯރަލް ވޯޓު

އަލްޖަޒީރާ

ޓްރަމްޕް: 230 އިލެކްޓޯރަލް ވޯޓު

ހެރިސް: 210 އިލެކްޓޯރަލް ވޯޓް

ސީއެންއެން

ޓްރަމްޕް: 246 އިލެކްޓޯރަލް ވޯޓް

ހެރިސް: 182 އިލެކްޓޯރަލް ވޯޓް

އިންތިޚާބު ކާމިޔާބު ކުރެވޭނީ 270 އިލެކްޓޯރަލް ވޯޓް ލިބޭ ކެންޑިޑޭޓަކަށެވެ.

މި އިންތިޚާބުގައި ނަތީޖާ އެންމެ ރަނގަޅަށް ލަފާ ކުރެވޭނީ އެންމެ މުހިންމު ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ 'ސްވިންގް ސްޓޭޓު'ތަކުގެ ނަތީޖާ ކަށަވަރުވުމުންނެވެ. ވަގުތީ ނަތީޖާއިން މިހާތަނަށް ދައްކާ ގޮތުން އޭގެ ތެރެއިން ގިނަ ސްޓޭޓުތަކުގައި ވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕް އެވެ.

comment ކޮމެންޓް