އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވާނެ ބޭފުޅަކާމެދު މިހާ ބޮޑަށް ޝައްކު އުފެދޭ މިއީ ފުރަތަމަ ފަހަރެވެ.
ވޭތުވެދިޔަ އިންތިޚާބުތަކުގެ ނަތީޖާ ވޯޓުލާން ފަށާއިރު ހަނި ގޮތަކަށް ނަމަވެސް ލަފާކުރެވެއެވެ. ދެހާސް ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އަލްގޯ އަތުން ޖޯޖް ޑަބްލިއު ބުޝް ހޯދި ކާމިޔާބީއަކީ މަދު ވޯޓެއްގެ ތަފާތަކުން ހޯދި ކާމިޔާބެއް ނަމަވެސް، އެފަހަރު ވެސް ވޯޓުގެ ނަތީޖާ ދާނެ ދިމާ އޮތީ ކޮންމެވެސް ވަރަކަށް އެނގިފައެވެ.
ބައެއް ފަހަރު ނަގާ ޕޯލްތަކާ އިދިކޮޅަށް ވެސް ނަތީޖާ ލިބިފައި އެބަހުއްޓެވެ. އެގޮތުން 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ހިލަރީ ކްލިންޓަން ކަމަށް ޕޯލްތަކުން ދެއްކި ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރެއްވީ ޑޮނާލްޑް ޓްރަމްޕެވެ.
ނަމަވެސް މިފަހަރުގެ އިންތިޚާބުގެ ނަތީޖާ އަންނާނެ ގޮތެއް އެއްވެސް މީހަކަށް ސީރިއަސްކޮށް ބުނެދޭކަށް ނޭގެއެވެ.
ސާފު އަޣުލަބިއްޔަތެއް ލިބިދާނެ
އިންތިޚާބުގެ ނަތީޖާ ޔަގީން ނުވި ނަމަވެސް ސާފު އަޣުލަބިއްޔަތެއް އެއް ކެންޑިޑޭޓަކަށް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ވޯޓުލާ މީހުންގެ ވޯޓުލުމުގެ މޮޑެލްތައް ގޯސްވެ، ގިނަ އަންހެނުން ވޯޓުލުމަށް ނުކުމެ، ނުވަތަ ކުޑަކޮށް ތަރައްޤީވެފައިވާ ސަރަހައްދުތަކުގެ މީހުން އިތުރުވެއްޖެނަމަ، ނުވަތަ ޒުވާނުން ވޯޓުލާ މިންވަރު އިތުރުވިޔަސް ފައިނަލް ނަތީޖާ ވަރަށް ބޮޑަށް ބަދަލުވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
"ބްލޫ ވޯލްސް" އާއި "ރެޑް ވޯލްސް"
އެމެރިކާގެ މި އިންތިޚާބުގެ ނަތީޖާ ނިންމާނެ މުހިންމު ހަތް ސްޓޭޓެއް އެބައޮތެވެ. އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ކާމިޔާބު ވުމަށް މުހިންމު ދައުރެއް އަދާކުރާ ތިން ސްޓޭޓެއް އެބައޮތެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކުލައަށް ނަން ދީފައިވާ ހެރިސްގެ "ބްލޫ ވޯލް" ގެ ގޮތުގައި އޮންނަ ސްޓޭޓްތަކަކީ ޕެންސިލްވޭނިއާ، މިޝިގަން އަދި ވިސްކޮންސިންއެވެ.
އެ ސްޓޭޓްތަކުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް 2020ވަނަ އަހަރު ވަނީ ނާކާމިޔާބު ލިބިވަޑައިގެންފައެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ހެރިސްއަށް އެ ސްޓޭޓްތަކުން ކާމިޔާބު ލިބިއްޖެނަމަ، މާބޮޑު އުދަގުލަކާނުލާ އޭނާއަށް އިންތިޚާބު ކާމިޔާބުކުރެއްވޭނެއެވެ.
ޓްރަމްޕްގެ "ރެޑް ވޯލް" ގެ ގޮތުގައި އޮންނަ ސްޓޭޓްތަކަކީ އެމެރިކާގެ އިރުމަތީގައި އޮންނަ ސްޓޭޓްތަކެވެ. އެއީ ޕެންސިލްވޭނިއާއި ނޯތު ކެރޮލައިނާ އާއި ޖޯޖިއާއެވެ. މި ސްޓޭޓްތަކުން ކާމިޔާބު ހޯއްދަވައިފިނަމަ، ޓްރަމްޕަށް ދެ އިލެކްޓޯރަލް ވޯޓު ކާމިޔާބުވާނެއެވެ.
ދެ ކެންޑިޑޭޓުންގެ ސްޓޭޓްތަކުގެ ތެރެއިން ދެ ކެންޑިޑޭޓަށް ވެސް މުހިންމު ސްޓޭޓެއްގެ ގޮތުގައި އޮތީ ޕެންސިލްވޭނިއާއެވެ. އިންތިޚާބުގެ ކެމްޕޭނުގައި ދެ ކެންޑިޑޭޓުން ވެސް ވަނީ ޕެންސިލްވޭނިއާއަށް ވަރަށް ބޮޑަށް ފޯކަސްކުރައްވާފައެވެ.
އެމެރިކާގެ މުސްތަޤުބަލު ނޭގުމެއްގައި
އިމްގްރޭޝަން، ވިޔަފާރި، ސަގާފީ މައްސަލަތައް އަދި ޚާރިޖީ ސިޔާސަތާ ބެހޭގޮތުން ޓްރަމްޕާއި ހެރިސް ގެންގުޅުއްވަނީ ވަރަށް ތަފާތު ދެ ވިސްނުންފުޅެކެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އިންތިޚާބު ކުރާ ރައީސް ވާންޖެހޭނީ، އެމެރިކާ ސަރުކާރު ޖީލުތަކަށް ދެމިގެންދާ ގޮތަށް ބައްޓަން ކުރެއްވޭނެ ބޭފުޅަކަށެވެ.
މީގެ ދިހަ ވަރަކަށް އަހަރު ކުރިން ރިޕަބްލިކަން ޕާޓީ ފެނުނީ މިހާރު ޓްރަމްޕް ލީޑް ކުރައްވާ ޕޮޕިއުލިސްޓް ޕާޓީއާ ވަރަށް ތަފާތުކޮށެވެ. ޓްރަމްޕް އަންނަނީ މަދުން އާމްދަނީ ލިބޭ މީހުންނާއި، ސިނާއީ މަސައްކަތްތައް ކުރާ އާންމުންނަށް އަހަންމިއްޔަތުކަން ދޭ ސިޔާސަތެއް ގެންގުޅުއްވަމުންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ އަސާސް އަދިވެސް އޮތީ ޒުވާން ވޯޓަރުންނާއި ތަފާތު ނަސްލުގެ މީހުންގެ މައްޗަށް ނަމަވެސް މިހާރު އެ ޕާޓީން އަންނަނީ މުއްސަނދިންނާއި ކޮލެޖް ތައުލީމު ހާސިލްކޮށްފައިވާ މީހުންނަށް އިސްކަން ދެމުން ކަމަށް ވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.
މި އިންތިޚާބަކީ ވާދަވެރި އިންތިޚާބެއް ނަމަވެސް މިއީ އެމެރިކާގެ ސިޔާސީ މައިދާނުގައި އާންމުވެގެންދާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.
ވާދަވެރި އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވޯޓުލާން ފަށާފައި ވަނީ މިއަދުއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 239 މިލިއަނަށް އަރައެވެ.