އެމެރިކާގެ އިންތިޚާބުގެ މުހިންމު ހަތަރު ސްޓޭޓެއް ކަމަށްވާ ޖޯޖިއާ، މިޝިގަން، އެރިޒޯނާ އަދި ވިސްކޮންސިންގެ ވޯޓުލުމަށް ޚާއްސަކޮށްފައިވާ ތަންތަނަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާތަކެއް ދޭނެ ކަމަށް ބުނާ އިންޒާރުތަކެއް ފޮނުވައިފައިވަނީ ރަޝިޔާގެ އީމެއިލް ޑޮމެއިންތަކުން ކަމަށް ބުނާ ވާހަކަތައް އެގައުމުން ދޮގުކޮށްފައެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔައިރު، ޖޯޖިއާގެ ގިނަ ވޯޓުލާ މަރުކަޒުތަކަށް ވަނީ ބޮމުގެ އިންޒާރު ލިބިފައެވެ. އިންޒާރާއެކު ބައެއް މަރުކަޒުތަކުން މީހުންވެސް ހުސްކުރިއެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން ވަނީ އެ ހުރިހާ އިންޒާރަކީ ވެސް ސައްހަ ނޫން އިންޒާރުތައް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އެ ބިއުރޯއިން ވަނީ އިންޒާރުތައް އައިސްފައި ވަނީ ރަޝިއާގެ އީމެއިލް ޑޮމެއިންތަކުން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
އެއާއެކު ބައެއް ފަރާތްތަކުން ވަނީ ރަޝިއާއިން އިންތިޚާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތުކޮށްފައެވެ.
ނަމަވެސް ވޮޝިންގްޓަންގައި ހުންނަ ރަޝިއާގެ އެމްބަސީން ބުނީ އެމެރިކާގެ އިންތިޚާބަށް ރަޝިއާއިން ނުފޫޒުފޯރުވާ ކަމަށް ބުނާ ވާހަކައަކީ ރަޝިއާ ބަދުނާމު ކުރަން ދައްކާ ވާހަަކައެއް ކަމަށާއި އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ، އެމެރިކާ ހިމެނޭ ގޮތަށް އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރަޝިޔާއިން ނުފޫޒު ފޯރުވާފައި ނުވާނެކަން. ރައީސް ވްލަޑިމިއާ ޕޫޓިން ތަކުރާރުކޮށް ފާހަގަކުރައްވާފައިވާ ފަދައިން، އެމެރިކާގެ ރައްޔިތުންގެ ނިންމުމަށް އަޅުގަނޑުމެން އިހުތިރާމް ކުރަން." އެމްބަސީން ބުންޏެވެ.
އެމެރިކާގެ ޖާސޫސީ އޮފިޝަލުން ވަނީ އެމެރިކާގެ ކުރީގެ ރިޔާސީ އިންތިޚާބުތަކަށްވެސް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފައެވެ. ޚާއްސަކޮށް 2016 ވަނަ އަހަރު ރިޕަބްލިކަން ޕާޓީގެ މިހާރުގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވާދަކުރެއްވި އިންތިޚާބުގައި ރަޝިއާއިން އިންތިޚާބަށް ބާރު ފޯރުވައިފައިވާ ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.