މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ސިނަމާތަކުގައި ދެއްކި ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ފިލްމު "ދަ ބަކިންހަމް މާޑާސް" އަންނަ ހުކުރު ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ހެންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މި ފިލްމުގައި ކަރީނާ ކުޅެފައިވަނީ ބަކިންހަމްގައި ގެއްލިގެން ހޯދަން އުޅޭ ކުޑަކުއްޖެއްގެ ހަގީގަތް ހޯދަން މަސައްކަތް ކުރާ އިނގިރޭސި ޑިޓެކްޓިވްއެއްގެ ރޯލެވެ.
މި ފިލްމު ހުކުރު ދުވަހު ނެޓްފްލިކްސްގައި ސްޓްރީމްކުރާނެކަން އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ކަރީނާ ކަޕޫރު ވަނީ ބުނެފައެވެ. ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލަން ނިންމިއިރު މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ.
މީގެ ކުރިން ވެސް ޕްރޮޑިއުސަރު އެކްތާ ކަޕޫރާ އެކު މަސައްކަތްކޮށްފައިވާ ބަތަލާ ބުނެފައިވަނީ މި ފިލްމުގައި މަސައްކަތްކުރި ހުރިހާ އެންމެން ވެސް އެ މީހަކަށް ކަނޑައެޅިފައިވާ ރޯލް ވީ އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އިނގިރޭސިވިލާތުގައި ފިލްމުގެ ބޮޑު ބައެއް ޝޫޓުކޮށްފައިވާއިރު އެ ޤައުމުގައި ހޭދަކުރި މުއްދަތުގައި ފިލްމު ސެޓުގައި ކަރީނާއާ އެކު ހަގު ދަރިފުޅު ޖޭ ވަނީ ބައިވެރިވެފައެވެ. އެހެންވެ، މިއީ ކަރީނާގެ ކެރިއަރުގެ ވަރަށް ހާއްސަ ފިލްމެއް ކަމަށް ބަތަލާ ބުނެފައެވެ.
ކަރީނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހގެ އެއް ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.