އެމެރިކާ އިންތިޚާބު: ނަތީޖާ އިއުލާނުކުރުން ލަސްވެދާނެކަމުގެ ބިރު

ވޮޝިންޓަން (5 ނޮވެންބަރު 2024): އެމެރިކާގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރަސްމީކޮށް ފަށަން މިހާރު ތައްޔާރުވެފައިވާއިރު މި އަހަރުގެ ރިޔާސީ ރޭހުގައި ވާދަވެރިކަން ބޮޑުވުމާއި އަދި މައި ދެކެންޑިޑޭޓްގެ ރައްޔިތުންގެ ތާއީދުގެ ތަފާތު އާދަޔާ ޚިލާފަށް ކުޑަކަމުން ވޯޓު ގުނުމުގެ މައްސަލަތަކާ އަދި ވޯޓާބެހޭ ޝަކުވާތަކާއި ގޮންޖެހުންތައް ގިނަވެ އިންތިޚާބުގެ ނަތީޖާ ނެރުން ވަރަށް ބޮޑަށް ލަސްވެގެން ހިނގައިދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން މިފަހަރުގެ އިންތިޚާބުގައި ޓްރަމްޕާއި ކަމަލާ ހަރިސްގެ ވާދަވެރިކަން އިންތިހާއަށް ބޮޑެވެ. ދެ ބޭފުޅުންގެ ދެމެދުގައިވާ ފަރަގު އެއްޕަސެންޓަށް ވުރެެވެސް ކުޑައެވެ. އެހެންކަމުން ކާމިޔާބު ހޯދި ކެންޑިޑޭޓް ކަށަވަރުވުން ލަސްވެ ނަތީޖާ އިއުލާނުނުކުރެވި ގިނަ ދުވަސްތަކެއް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދަކީ ރަސްމީކޮށް އެމެރިކާގައި ވޯޓުލާ ދުވަސްކަމަށް ވިޔަސް މިއަދުގެ ކުރިން ގާތްގަނޑަކަށް 81 މިލިއަން މީހުންވަނީ ޕޯސްޓް މެދުވެރިކޮށް ވޯޓުލާފައެވެ. މިއީ 2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލީ މީހުންގެ އަދަދަށް ބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

އެމެރިކާގެ އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިން ވެސް އޭނާ ޝައްކުކުރެއްވި ގޮތަށް ޕޯސްޓް މެދުވެރިކޮށް ވޯޓު ލާ މީހުންގެ ވޯޓުތައް ގުނުމުގައި މައްސަލަ އުޅޭނެކަމަށް ވިދާޅުވެ, އެ ވޯޓުތަކުގެ ސައްހަކަމާ މެދު ސުވާލު މި ފަހަރު ވެސް އުފައްދަވާފައެވެ. މިއީ ވެސް އިންތިޚާބުގައި ކުރިމަތިވެދާނެ މައްސަލައެކެވެ.

މިދިޔަ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޓްރަމްޕްވަނީ ޕޯސްޓް މެދުވެރިކޮށް، ވޯޓުލީ މީހުންގެ ވޯޓުތައް އޮޅުވާލުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެ، އިންތިޚާބުގެ ނަތީޖާއަށް ޝައްކުކުރައްވައި ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފައެވެ. ދެ އަހަރުވަންދެން ވޯޓު ނަތީޖާ ގަބޫލުނުކުރައްވައި އަދި އިންތިޚާބު ކާމިޔާބުކުރެއްވި ޖޯ ބައިޑެން ކަމަށް ގަބޫލު ނުކުރައްވައި ޓްރަމަޕް ހުންނެވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެކި ސްޓޭޓްތަކުގައި އިންތިޚާބު އޮންނަނީ އެކި ގޮތަށެވެ. އިންތިޚާބާ ބެހޭ މަރުކަޒީ ނުވަތަ ފެޑްރަލް އިދާރާއެއް އެމެރިކާގައި ނޯވެއެވެ. ޕޯސްޓުން ލާ ވޯޓުތައް ފިޔަވައި އެމެރިކާގެ ސްޓޭޓްތަކުގައި ވޯޓު ލުމަށާއި ވޯޓު ގުނުމަށް ގެންގުޅެނީ އިލެކްޓްރޯނިކް ސިސްޓަމްތަކެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އިލެކްޓްރޯނިކް ނިޒާމުތަކަކީ އެހާ އިތުބާރު ބޮޑު ނިޒާމުތަކެއް ނޫނެވެ. އެއީ، އެ ނިޒާމުތަކަށް ސައިބާ ހަމަލާތައް ދެވޭތީއެވެ. ކަރުދާހުގައި އާދައިގެ ގޮތަށް ވޯޓުލުމަށް އޭނާވަނީ ގޮވާލައްވާފައެވެ. އެއީ އިންތިޚާބުގެ ނަތީޖާގެ ސައްހަކަން ޔަގީންވާނީ އެގޮތަށް ވޯޓުލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި ރައްޔިތުން ލާ ވޯޓު ގުނުމުގައި އެކި ސްޓޭޓްތަކުގައި އޮންނަކީ އެކި ގޮތެވެ. ސްވިންގް ދެ ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާއާއި ވިސްކޮންސިން ފިޔަވައި އެހެން ސްޓޭޓްތަކުގައި ޕޯސްޓް މެދުވެރިކޮށްލާ ވޯޓުތައް މިހާރުވަނީ ގުނައި ނިންމާފައެވެ. އެެހެން ސްޓޭޓްތަކާ ޚިލާފަށް މިދެ ސްޓޭޓްގައި ޕޯސްޓް މެދުވެރިކޮށް ލާ ވޯޓުތައް ގުނާނީ މާދަމާއެވެ. މިއީ ވެސް ނަތީޖާ ނެރުން ލަސްވެދާނެ ސަބަބެކެވެ.

އެމެރިކާގެ ރައީސަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ ބޭފުޅެއް ނޫނެވެ. އެމެރިކާގެ ރައީސް އިންތިޚާބު ކުރަނީ އިލެކްޓޯރަލް ކޮލެޖުގައި ތިއްބަވާ 538 އިލެކްޓަރުންނެވެ. އޭގެ ތެރެއިން 270 ވޯޓު ނުވަތަ އެއަށްވުރެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވާނެއެވެ.

ރައްޔިތުންގެ ވޯޓަކީ އިލެކްޓޯރަލް ކޮލެޖުގައި ތިއްބަވާ އިލެކްޓަރުންނަށް ރައްޔިތުން ތިބިގޮތް ސާފުކޮށްދިނުމަށް ނުވަތަ ރައްޔިތުންގެ ތާއީދު ބޮޑީ ކޮން ކެންޑިޑޭޓަކަށްކަން އެ ބޭފުޅުންނަށް އަންގައި ދިނުމަށްޓަކައި ނަގާ ވޯޓެކެވެ.

ރައީސް އިންތިޚާބު ކުރުމަށްޓަކައި އިލެކްޓަރުން ވޯޓު ދެއްވާނީ ރައްޔިތުންގެ ވޯޓުގެ ނަތީޖާ ލިބުމަށް ފަހުއެވެ. އެ ބޭފުޅުން އާންމުކޮށް ވޯޓު ދެއްވާނީ ރައްޔިތުންގެ ތާއީދު ބޮޑު ކެންޑިޑޭޓަށެވެ. ނަމަވެސް، ރައްޔިތުންގެ ތާއީދު އެންމެ ބޮޑު ކެންޑިޑޭޓް އިލެކްޓަރުންގެ ވޯޓުން ނުހޮވި ރައްޔިތުންގެ ތާއީދު ކުޑަ ކެންޑިޑޭޓް އިލެކްޓަރުންގެ ވޯޓުން ހޮވާފައި ވެސް އެބަހުއްޓެވެ.

އެމެރިކާގެ ރިޔާސީ ހަޔާތުގައި ފަސް ފަހަރެއްގެ މަތިން މިކަން މިގޮތަށް ހިނގާފައިވެއެވެ. އެއީ، 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން ތިން މިލިޔަން ވޯޓު އިތުރަށް ހިލަރީ ކްލިންޓަން ހޯއްދެވިއެވެ. ނަމަވެސް، އޭނާއަށް އިލެކްޓޯރަލް ކޮލެޖްގެ އިލެކްޓަރުންގެ ވޯޓު ލިބުނީ މަދުކޮށެވެ. އެހެންކަމުން، އެ އިންތިޚާބު ކާމިޔާބުކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ. އެއީ، އިލެކްޓަރުންގެ ވޯޓު ގިނައިން ލިބުނީ ޓްރަމްޕަށް ކަމަށްވާތީއެވެ. ނަމަވެސް ހިލަރީއަށް ލިބުނު ރައްޔިތުންގެ ވޯޓު، ޓްރަމްޕަށްވުރެ ތިން މިލިޔަން ވޯޓު އިތުރެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރާނީ ކޮންމެ ސްޓޭޓަކުން އެ ސްޓޭޓެއްގައި އޮންނަ ވަކި އުސޫލެއްގެ މަތިންނެވެ. އަންނަ ޑިސެމްބަރު 11 ވަނަ ދުވަހުގެ ކުރިން ސްޓޭޓްތަކުން ރަސްމީކޮށް ނަތީޖާ އިއުލާންކުރަން ޖެހޭނެއެވެ.

ކޮންމެ ސްޓޭޓެއްގެ އިންތިޚާބުގެ ރަސްމީ ނަތީޖާ ޑިސެމްބަރު 25 ގެ ކުރިން ސެނެޓަށް ލިބެންޖެހެއެވެ. އަންނަ ޖަނަވަރީ މަހުގެ ހަވަނަ ދުވަހު ކޮންގްރެސްއިން ވޯޓު ގުނައި ވޯޓު އިގުރާރުކުރަން ޖެހޭނެއެވެ.

ވޯޓު އިގުރާރުކުރުމުގެ މާނައަކީ އިންތިޚާބު ކާމިޔާބުކުރީ ކޮންކެންޑިޑޭޓެއްކަން ރަސްމީކޮށް ގަބޫލުކޮށް އެކަން ރަސްމީކޮށް އިއުލާނުކުރުމެވެ. އެއަށް ފަހު ދެން އޮންނާނީ އިންތިޚާބީ ރައީސް އޭނާގެ މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމެވެ. މި ރަސްމިއްޔާތު އޮންނާނީ ޖަނަވަރީ 20 ވަނަ ދުވަހެވެ.

comment ކޮމެންޓް