ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ އިންޑިއާގެ ސުޕަސްޓާ ޝާހްރުކް ޚާން 30 އަހަރަށް ފަހު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފިކަން އިއުލާނުކޮށްފިއެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް 100 ސިނގިރޭޓް ވެސް ބޮވޭކަމަށް ޝާހްރުކް ބުނެފައިވާއިރު ދުންފަތާ ދުރަށް ދިޔަކަން އިއުލާނުކުރީ މިދިޔަ ހޮނިރު ދުވަހު ފާހަގަކުރި 59 ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ.
ޝާހްރުކްއަށް ސަޕޯޓުކުރާ މީހުންނާ އެކު ކުރިއަށް ގެންދިޔަ މީޓް-އެންޑް-ގްރީޓް އޮންލައިން ސެޝަންއެއްގައި ވާހަކަދައްކަމުން ޝާހު ބުނީ, އެއީ މި އަހަރުގެ އުފަންދުވަހު ސަޕޯޓަރުންނަށް އޭނާގެ ފަރާތުން ދިން ސަޕްރައިޒެއް ކަމަށެވެ.
ސިނގިރޭޓް ބުއިން ހުއްޓާލުމުން ބައެއް ފަހަރު ނޭވާ ހުސްވާހެން ހީވާ ކަމަށާއި އެ އާދައާ ދުރުވުމުން ހަށިގަނޑަށް ބަދަލުތަކެއް އަންނަކަން ފާހަގަވާ ކަމަށް "ޕަތާން"ގެ އެކްޓަރު ވަނީ ބުނެފައެވެ. އެހެންނަމަވެސް, ހަށިގަނޑަށް އަންނަ އާ ބަދަލުތަކަށް އަމިއްލަ ނަފުސު ތައްޔާރުކުރަމުން އަންނަ ކަމަށާއި އެ ކަމަށް ވަގުތު ނަގާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ.
މި އަހަރުގެ އުފަންދުވަސް އާއިލާއާ އެކު ޝާހު ފާހަގަކޮށްފައިވަނީ މުމްބާއީގައި ދިރިއުޅެމުން އަންނަ ގެ މަންނަތުގައެވެ. ޝާހަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް އެ ދުވަހު ހަވީރުން ފެށިގެން މަންނަތު ކައިރިއަށް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.
އެ މީހުންނާ ބައްދަލުކުރުމުގެ ގޮތުން ޝާހު ވަނީ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަށް ނުކުމެ އެކްޓަރުގެ ސިގްނޭޗާ ޕޯސް އެއްވެ ތިބި ސަޕޯޓަރުންނަށް ދައްކާލާފައެވެ.
ޝާހު ދުންފަތާ ދުރަށް ދިޔަކަން އިއުލާނުކުރުމުން ގިނަ ބަޔަކު އެކަމާ އުފާ ފާޅުކޮށްފައިވާއިރު މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދިއުމަށް ބޭނުންވާ އޭނާގެ ސަޕޯޓަރުން ވަރަށް ބޮޑު ހިތްވަރެއް ލިބޭނެ ކަމެކެވެ.