ނިމިގެން މިދިޔައީ ފަހުގެ ތާރީޚެއްގައި އެންމެ ކުލަގަދަކޮށް ފާހަގަކުރި ނަސްރުގެ ދުވަހެވެ.
ގައުމީ ޖޯޝާއި ފޯރި ދައްކުވައިދިން އެތައް ހަރަކާތެއް ވަނީ ބާއްވައިފައެވެ. ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދިނުމަށް ޝަހީދުން ކުރެއްވި ޖިހާދުގެ މަތިވެރި ހަނދާންތައް އައުކުރުވައިފިއެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަަނަ ދުވަހު ދިވެހި ހަ ހާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް: ދިވެހި ގައުމީ ދިފާޢީ ބާރުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވެސް ފާހަގަކުރެއްވީ އެ ވާހަކައެވެ. އަހަރުތައް ފާއިތުވެގެން ދިޔައިރު ފަނޑުވަމުން އައި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މި ސަރުކާރުން މިވަނީ ފަށާފައެވެ.
މީގެ ކުރިން ބައެއް އަަހަރުތަކުގައި ނަސްރުގެ ދުވަހު ހަމައެކަނި ބާއްވަނީ، އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެކެވެ. މިގޮތަށް ފަނޑުކޮށް ފާހަގަކުރަމުން އައިސް މިއަހަރު މިވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް: ދިވެހި ގައުމީ ދިފާޢީ ބާރުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ޖަލްސާގެ އިތުރުން ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔައެވެ.
އެގޮތުން ނަސްރުގެ ދުވަސް ފެށީ ބޮޑު ޖަމާއަތުގައި ސިފައިން ކުރި ފަތިސް ނަމާދުންނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

36 ވަނަ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024"ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް
އަދި ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނޭޝަނަލް އާޓް ގެލެރީގައި "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024" ހުޅުވައިދެއްވާފައެވެ.
މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަސްރުގެ ދުވަހުގެ މައުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުންކުރި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން ނަސްރުގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް، ދިވެހި ގައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ވަނީ ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް: ދިވެހި ގައުމީ ދިފާޢީ ބާރުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
މި ހުށަހެޅުންތަކުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތާއި، ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑާ ވޯޓާ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ހަރަކާތްތަކާއި، ރެޕަލިންގްގެ ހަރަކާތްތަކާއި، ކައުންޓާ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއް ދައްކުވައިދިނެވެ. މީގެ އިތުރުން، އެއާ ފޯސް ކޭޕަބިލިޓީސް، މެރިޓައިމް ކޭޕަބިލިޓީސް އަދި ލޭންޑް ފޯސް ކޭޕަބިލިޓީސްގެ އަސްކަރީ އަދި ހެވިކަމުގެ ހަރަކާތްތައް ވެސް އޮތެވެ.
އަސްކަރީ ހަރަކާތްތައް ނިންމާލާފައި ވަނީ، މިލިޓަރީ ބޭންޑްގެ ފަރާތުން ހުށަހަޅައިދިން ލަވަޔަކުންނެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް: ދިވެހި ގައުމީ ދިފާޢީ ބާރުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް
އެއަށްފަހު، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ކޯހުން ގްރެޖުއޭޓްވި ދަސްވެނިންނަށް ރައީސް ވަނީ ބެރޭ ހަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން ކަނޑު އަޑީގެ ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގައި "ސްޕެޝަލް ބޯޓް ސްކޮޑްރަން"ގެ ނަމުގައި ޚާއްސަ ސްކޮޑެެއް ރައީސް މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފައެވެ. އެމަނިކުފާނު ވަނީ މި ސްކޮޑްރަންގެ ދިދަ ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމާ ހަވާލުކުރައްވައިފައެވެ. އަދި ސްކޮޑްރަންގެ ފަރާތުން ހަވާލުވެލެއްވީ ކޮމާންޑިން އޮފިސަރު ލެފްޓިނަންޓް ކާނަލް އަލީ ނިޔާޒު އަބްދުލްމަޖީދެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވަނީ، ގައުމުގެ ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކުރެއްވުމުގައި މުހިންމު ޚިދުމަތްތަކެއް ކުރެއްވި މޭޖަ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފައެވެ.
މީގެ އިތުރުން އެ ޖަލްސާގައި ރައީސް ވަނީ، ގައުމަށް ޓަކައި ޝަހީދުވި ބޭފުޅުންގެ އާއިލާތަކަށް އެލަވަންސެއްދީ، އެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 50 ޔުނިޓްގެ އިމާރާތެއް މި ސަރުކާރުން އަޅައިދޭނެ ކަމަށް ވިދާޅުވެފައެވެ.