ފިލްމު އިންޑަސްޓްރީގައި ބަތަލާއިންނަށް އަގު ހުށަހަޅާއިރު އަދިވެސް ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި އެކަން އެންމެ ބޮޑަށް ފާހަގަވަނީ ނަން މަޝްހޫރު އެކްޓަރުން ހިމެނޭ ފިލްމުތަކުން ކަމަށް ތާޕްސީ ޕަންނޫ ބުނެފިއެވެ.
ފިލްމީ ދާއިރާއަށް ތައާރަފްވުމަށް ފަހު ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބެލުންތެރިންގެ ތަރުހީބު ހޯދި ތާޕްސީއަކީ މި ވަގުތު އިންޑަސްޓްރީގައި ތިބި ހުނަރުވެރިން ބަތަލާއިންގެ ތެރެއިން ގުނާލެވޭ ތަރިއެކެވެ.
ތާޕްސީ ބުނިގޮތުގައި ބަތަލާ ލީޑް ރޯލް ކުޅެފައިވާ "ޕިރް އާއީ ހަސީން ދިލްރުބާ" ފަދަ ކޮމާޝަލް ފިލްމުތަކުން ބަތަލާއިންނަށް އަގު ހުށަހަޅާއިރު ހަމަހަމަކަން ގެންގުޅޭ ކަމަށާއި ވަކި އެކްޓަރަކު ހިމެނޭތީ ބަތަލާއިންނަށް ދޭންޖެހޭ ފައިސާގެ އަދަދަށް ބަދަލެއް ނުގެންނަ ކަމަށެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ބުނީ, ދާދި ފަހުން ބަތަލާ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ދުންކީ"އިން އޭނާއަށް ލިބުނީ ފިލްމުގެ އެހެން އެކްޓަރުންނަށް ވުރެ ދަށް އަދަދެއް ކަމަށާއި އެކަން އެހެން ދިމާވީ ބޮޑެތި އެކްޓަރުން ހިމެނޭ ފިލްމަކަށް ވާތީއެވެ.
ހަމައެއާ އެކު ތާޕްސީ އެކްޓަރު ވަރުން ދަވަންއާ އެކު ފެނުނު ފިލްމު "ޖުޅްވާ 2"އިން ވެސް ފިލްމުގެ ބަތަލާއިންނަށް އަގު ކަނޑައެޅިއިރު ހަމަހަމަކަން ނުގެންގުޅޭ ކަމަށް ތާޕްސީ ބުނެފައިވެއެވެ. ބައެއް ޕްރޮޑިއުސަރުން އެގޮތަށް ކަންތައް ކުރާއިރު އެކްޓަރުންނާ ކައިރިކުރާވަރުގެ ފައިސާގެ އަދަދެއް ހުށަހެޅިޔަސް އެއީ ބަތަލާއިންނަށް ހަމްދަރުދީވެ ކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަތަލާއިންގެ މެދުގައި މިހާރު ވެސް ވަރަށް ބޮޑަށް ބަހުސްކުރެވޭ އެ މައުޟޫއަކީ ގައުމީ ސިފައެއްގައި ދައްކަންވީ ވާހަކައެއް ކަމަށާއި ފިލްމުތަކުން ބަތަލާއިންނަށް އަގު ހުށަހަޅާއިރު ތަފާތުކުރުމުގެ ސަގާފަތް ބަދަލުކުރަން ހަރު އަޑުން ގޮވާނެ ކަމަށް ތާޕްސީ ވަނީ ބުނެފައެވެ.
ފިލްމު "ކޭލް ކޭލް މޭ"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ވޮ ލަޅްކީ ހޭ ކަހާން"އިންނެވެ.