ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ މައުރަޒު ހުޅުވައިދެއްވައިފިއެވެ.
އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.
"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024" ހުޅުވައިދެއްވާ ރައީސް ވަނީ އެ މައުރަޒު ބައްލަވާލައްވާފައެވެ.

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024" ހުޅުވައިދެއްވާ ރައީސް ވަނީ އެ މައުރަޒު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ.
އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ.

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024" ހުޅުވައިދެއްވާ ރައީސް ވަނީ އެ މައުރަޒު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލެރީގައެވެ. އަދި މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން 12:00 އަށް އަދި މެންދުރުފަހު 14:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024" ހުޅުވައިދެއްވާ ރައީސް ވަނީ އެ މައުރަޒު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުންގެ އިތުރުން ދަޢުލަތުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި މައުރަޒަކީ 1992 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ދިވެހި އަސްކަރިއްޔާއިން ބާއްވަމުން އަންނަ މައުރަޒެކެވެ.

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024" ހުޅުވައިދެއްވާ ރައީސް ވަނީ އެ މައުރަޒު ބައްލަވާލައްވަނީ --- ފޮޓޯ/ ރައީސް އޮފީސް
މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ސިފައިން ކުރެއްވި ފަތިސް ނަމާދުންނެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
ނަސްރުގެ ދުވަސް އަހަރުމެން ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަަނަ ދުވަހު ދިވެހި ހަ ހާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.