އަންނަ އަންގާރަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕޯލްތަކުން ދައްކާ ގޮތުގައި ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ނައިބު ރައީސް ކަމަލާ ހެރިސްއާއި އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާދަވެރިކަން ވަރަށް ބޮޑެވެ.
އެމެރިކާގެ އިންތިޚާބުގައި އެމެރިކާގެ ރައްޔިތުންގެ ކެންޑިޑޭޓު ހޯދަން ޕޯލްތައް ކުރިއަށް ގެންދަމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް އަންނަނީ އެ އިންތިޚާބު ވަރަށް ގާތުން ބަލަމުންނެވެ.
ދުނިޔޭގެ ބައެއް ލީޑަރުން ވަނީ އެމެރިކާގެ ރައީސްގެ ގޮތުގައި ފެންނަން ބޭނުންވާ ބޭފުޅާއާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ.
ރަޝިއާގެ ރައީސް ވުލަމީޑިއާ ޕުޓިން
އެމެރިކާގެ ރައީސްގެ ގޮތުގައި ކަމަލަ ހެރިސް ފެންނަ ބޭނުންވާ ކަމަށް ޕުޓިން ވިދާޅުވެފައި އޮތް ނަމަވެސް އެއީ މަލާމާތަކަށް ބުނެފައިވާ އެއްޗެއް ކަމަށާއި ހަގީގަތުގައި ޕުޓިން ތާއީދުކުރައްވަނީ ޓްރަމްޕަށް ކަމަށް މަސްރަހު ދިރާސާކުރާ ގިނަ ފަރާތްތަކަކުން ބުނެއެވެ.
ޗެތަމް ހައުސްގެ ރަޝިޔާ އެންޑް ޔޫރޭޝިއާ ޕްރޮގްރާމްގެ އެސޯސިއޭޓް ފެލޯއެއް ކަމަށްވާ ޓިމޮތީ އޭޝް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި ރައީސްގެ މަގާމަށް ޓްރަމްޕް ވަޑައިގަތުން އެކި ސަބަބުތަކާހުރެ ޕުޓިން ބޭނުންފުޅުވެވަޑައިގަންނަވާނެއެވެ.
ފުރަތަމަ ކަމަކަށް ޕުޓިން ދެކިވަޑައިގަންނަވާ ގޮތުގައި ޓްރަމްޕަކީ ރަޝިޔާއާ މެދު މަޑުމައިތިރި ގޮތެއް ގެންގުޅޭނެ މީހެއް ކަމަށާއި ޔޫކްރޭނަށް ދޭ އަސްކަރީ އެހީ ކަނޑާލުމާއި ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕް އުވާލާނެ ކަމަށް ޕުޓިން ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅަނގުގެ ލިބަރަލް މާކެޓް ޑިމޮކްރަސީގެ ނިޒާމަށް ޕޫޓިން ނަފުރަތު ކުރައްވައެވެ.
ނަމަވެސް، ރަޝިޔާގެ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ބޭފުޅަކު އިންތިޚާބު ކާމިޔާބުކުރެއްވި ނަމަވެސް، ރަޝިއާމެދު އެމެރިކާއިން ބާއްވާ ނަފުރަތުކަން ދެމިއޮންނާނެއެވެ.
ކުރިން 2016 ވަނަ އަހަރު ބޭއްވި އިންތިޚާބުގެ ކުރިން ޕުޓިން ވަނީ ޓްރަމްޕަށް ތައުރީފުކުރައްވާ ވާހަކަފުޅު ވެސް ދައްކަވާފައެވެ. ޓްރަމްޕަކީ ވިސްނުންތޫނު އަދި ހުނަރުވެރި ބޭފުޅެއް ކަމަށް ޕުޓިން ވިދާޅުވިއެވެ.
ޖުލައި 2016 ގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ޑިމޮކްރެޓިކްގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ބަލިކޮށް ޓްރަމްޕަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޕުޓިން އެހީތެރިވެދެއްވި ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ދެ ޕާޓީގެ އެމެރިކާގެ ސެނެޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިއާއިން ވަނީ ނުފޫޒުން ފޯރުވާފައެވެ. އެމެރިކާގެ ޖާސޫސީ އިދާރާއިން ވެސް ވަނީ 2020 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިޔާއިން ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށްފައެވެ.
އެ ތުހުމަތު މި ފަހަރު ވެސް ވަނީ ކޮށްފައެވެ.
އޮކްޓޯބަރު މަހު ކުރީގެ ރިޕޯޓަރު ބޮބް ވުޑްވާޑް އޭނާގެ އާ ފޮތުގައި ތުހުމަތުކުރެއްވި ގޮތުގައި ޓްރަމްޕް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސްކަމުން ވަކިވެވަޑައިގަތް ފަހުން ގާތްގަޑަކަށް ހަތް ފޯނު ކޯލު ޕުޓިންއަށް ކުރެއްވިއެވެ.
އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވި ބްރިކްސް ސަމިޓް ނިންމާލުމަށް ފަހު، ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރެއިން ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ރަޝިޔާގެ ހަނގުރާމައާ ދެކޮޅަށް އެމެރިކާއިން ޔޫކްރޭނަށް ފޮނުވާ އެހީތަކަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެ، އިންތިޚާބުވެއްޖެނަމަ ހަނގުރާމަ އަވަހަށް ނިންމާލާނެ ކަމަށް ވިދާޅުވެފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން
އިންތިޚާބުގައި ތާއީދުކުރައްވާ ވަކި ބޭފުޅެއްގެ ނަން ޝީ މިހާތަނަށް ވެސް އިއުލާނު ކުރައްވާފައެއްނުވެއެވެ.
ރަޝިޔާއާ އެއްގޮތަށް ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީން ވެސް ވަނީ ޗައިނާއާ މެދު ހަރުކަށި ސްޓޭންޑެއް ގެންގުޅެފައެވެ. ރިޔާސީ ދައުރުގައި ޓްރަމްޕް ވަނީ ޗައިނާއާ އެކު ވިޔަފާރީގެ ހަނގުރާމައެއް ފަށައި، 2018 ވަނަ އަހަރު ޗައިނާގެ އިމްޕޯޓްގެ 250 ބިލިއަން ޑޮލަރުން ޓެރިފް ނަގާފައެވެ. ބަދަލުގައި ޗައިނާއިން ވެސް ވަނީ އެމެރިކާއިން އިމްޕޯޓްކުރާ 110 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ނަގާފައެވެ.
ޓްރަމްޕް އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ގޮތާ ދެކޮޅަށް ޑިމޮކްރެޓުން ވެސް ތެދުވެދާނެ ކަމަށް އަލް ޖަޒީރާއިން ބުނެއެވެ.
ބައިޑަން ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ވެސް ޓެރިފް އުވާލާފައެއްނުވެއެވެ. އޭގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ބައިޑެންގެ ވެރިކަމުގައި ވަނީ ޗައިނާގައި އުފައްދާ ވަކި އުފެއްދުންތަކުން ނަގާ ޓެރިފް ބޮޑުކުރާނެކަން އިއުލާންކޮށްފައެވެ. ހެރިސް އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ، ޗައިނާއާ މެދު ބައިޑަން ގެންގުޅޭ ސިޔާސަތާ ދަމަހައްޓާނެ ކަމަށް ބެލެވޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޓްރަމްޕް އަދި ހެރިސް ވެސް އިންތިޚާބުވެވަޑައިގެންފިނަމަ ޗައިނާއާ މެދު ގެންގުޅުއްވާނެ ގޮތަކާމެދު މިހާތަނަށް ވާހަކަފުޅުދައްކަވާފައެއްނުވެއެވެ. ނަމަވެސް، ޖުލައި މަހު ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ޝީ އޭނާގެ ހާލު ބައްލަވާފައިވާ ކަމަށާއި އެ ދެ ބޭފުޅުންގެ ގުޅުން ރަނގަޅު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ޕެކިން ޔުނިވާސިޓީގެ ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްގެ ކުރީގެ ޑީން ޖިއާ ޗިންގްގޫއާ ހަވާލާދީ އެންބީސީ ނިއުސްއިން ބުނެފައިވާ ގޮތުގައި ޗައިނާއިން ބޮޑަށް ބޭނުންވާނީ ހެރިސް އިންތިޚާބު ކާމިޔާބުކުރެއްވުމަށެވެ. އެއީ، އީރާނުން އެގޮތަށް ބޭނުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ތާއީދުކުރައްވާ ވަކި ކެންޑިޑޭޓެއް އިއުލާނުކޮށްފައެއްނުވެއެވެ. ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫ ބޮޑަށް ބުރަވަނީ ޓްރަމްޕް އިންތިޚާބު ކާމިޔާބުކުރެއްވުމަށެވެ.
ޓްރަމްޕްގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ނަތަންޔާހޫއާއި ޓްރަމްޕްގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތެވެ. ވައިޓް ހައުސްގައި ހުރި އިސްރާއީލާ އެންމެ ރައްޓެހި ބޭފުޅަކީ އޭނާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ހަމަ އެގޮތަށް 2020 ވަނަ އަހަރު ނެރުނު ބަޔާނެއްގައި ނަތަންޔާހޫ ވެސް ވަނީ ޓްރަމްޕަކީ ވައިޓް ހައުސްގައި ހުންނެވި އިސްރާއީލާ އެންމެ ގާތް ބޭފުޅާ ކަމަށް ވިދާޅުވެފައެވެ.
ނަތަންޔާހޫއާ ޓްރަމްޕްގެ ގުޅުން ގޯސްވީ، ޖޯ ބައިޑަން ރައީސް ކަމަށް އިންތިޚާބުވުމުންނެވެ. ބައިޑަން ހުވާ ކުރެއްވުމުން ނަތަންޔާހޫ ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. އެއީ، އޭނާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ އިހުސާސް ކުރެވޭ ކަމެއް ކަމަށް ޓްރަމްޕް އެ ދުވަސްކޮޅު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް، އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ފެށި ޣައްޒާ ހަނގުރާމައިގެ ސަބަބުން މިހާރު ބައިޑަންއާއި ނަތަންޔާހޫގެ ގުޅުން ވެސް ގޯސް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ޔޫރަޕް އަދި ނޭޓޯގެ ލީޑަރުން
އެމެރިކާގެ ރައީސްގެ މަގާމަށް ހެރިސް ގެނައުމަށް ޔޫރަޕްގެ ގިނަ ލީޑަރުންގެ ތާއީދުކުރައްވައެވެ.
"އަހަންނަށް ހެރިސް ރަނގަޅަށް އެނގޭ، ހަމަ ޔަގީނުން ވެސް ރަނގަޅު ރައީސްއަކަށް ވާނެ،" ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ނޭޓޯއިން ވަކިވާނެކަމުގެ އިންޒާރު އެތައް ފަހަރަކު ދެއްވާފައެވެ. ނަމަވެސް، ޓްރަޕްމްގެ ގައުމީ ސަލާމަތާބެހޭ މުޝީރުންނާއި، ދިފާއީ މާހިރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ނޭޓޯއިން ޓްރަމްޕް ވަކިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ކުޑައެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޓްރަމްޕްގެ ރިޔާސީ ދައުރުގައި ޓްރަމްޕާ ގާތް ގުޅުމެއް ބާއްވަވާފައިވާއިރު، މޯދީއަކީ 2020 ވަނަ އަހަރުގެ އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން ބައިޑަންއަށް މަރުހަބާ ދެންނެވި ފުރަތަމަ ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެކަކެވެ.
"އަޅުގަނޑު ގަބޫލެއްނުކުރަން މޯދީ ވަކި ކެންޑިޑޭޓަކަށް އިސްކަން ދެއްވާ ކަމަކަށް،" އިނގިރޭސިވިލާތުގައި ހުންނަ ތިންކް ޓޭންކް ޗަތަމް ހައުސްގެ ސައުތު އޭޝިއާ، އޭޝިއާ ޕެސިފިކް ޕްރޮގްރާމްގެ ސީނިއާ ރިސާޗް ފެލޯ ޗިއެޓިގް ބަޖްޕައީ އަލްޖަޒީރާއަށް ވިދާޅުވިއެވެ.
ވޮޝިންޓަން ޑީސީގައި ހުންނަ ވިލްސަން ސެންޓާ ތިންކް ޓޭންކުގެ ސައުތު އޭޝިއާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު މައިކަލް ކުގޭލްމަން އަލްޖަޒީރާއަށް ވިދާޅުވީ، އިންޑިއާ ސަރުކާރުން ދެ ކެންޑިޑޭޓުންގެ ވެސް ފައިދާއާއި ގެއްލުން ބަލާނެ ކަމަށެވެ.