ލައިސަންސް ނެތި ސައިކަލު ދުއްވަނިކޮށް ހުއްޓުވަން އުޅުމުން ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައެއް

ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ޒުވާނާ: އެ ހާދިސާއާ ގުޅިގެން ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވޭ -- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ ސައިކަލުން ފުލުހެއްގެ ގައިގައި ޖެއްސުމުގެ ތުހުމަތުގައި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ރޭ 22:42ހާއިރު ރީތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހަކު ބުނުމުން މަޑުނުކޮށް ދާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ސައިކަލު ހުއްޓުވަން އުޅުމުން ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ، މިލްކުރާގެ، އަޙުމަދު ޝާހީން ޝަހީދެވެ. އުމުރުން 18 އަހަރުގެ އެ ޒުވާނާގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ފުލުސް މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށާއި އޭނާ މިހާރު ދުކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު މިފަހުން ވަނީ އިތުރުކޮށްފައެވެ. އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އުޅަނދުތައް ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުންގެ ގައިގައި ޖެއްސި ދެ މައްސަލައެއް ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް