އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރާތީ ހިތާމަ ކުރައްވާ ކަމަށާއި ދުވަހަކު ވެސް ދައުލަތަށް ހިޔާނާތްތެރިވެފައި ނުވާ ކަމަށް، ކުރީގެ ޑިފެންސް މިނިސްޓަރު، މޭޖާ ޖެނެރަލް ރިޓާޔާޑް މޫސާ އަލީ ޖަލީލް މިއަދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތުހުމަތު ކުރާ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިކޮށް ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެވެ. އަދި އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ޙާލަތުގައި ހުރެ ޖަލީލް ހޯދާފައިވާ ފައިސާކަމާއި، އެ ފައިސާ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަޙުޤީގަށް ވަނީ ހޯދިފައި ކަމަށް އޭސީސީއިން ބުންޏެވެ.
އެހެންކަމުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އިއްޔެ އޭސީސީއިން ވަނީ ޖަލީލްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ. އަދި މި މައްސަލައިގައި ދަޢުލަތަށް ލިބެންޖެހޭ އެއް މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީއިން ވަނީ އެމްއެމްޕީއާރުސީއަށް އަންގާފައެވެ.
އެ ތުހުމަތުތަކާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ އަދީބު އެއްވެސް ފައިސާއެއް އޭނާއަށް ދެއްވާފައި ނުވާ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.
"އަދީބާ ރައްޓެހިކަން އުފެދުނީ ވެސް އަޅުގަނޑު ޑިފެންސް މިނިސްޓަރަކަށް ވީ ފަހުން. ޑިފެންސް މިނިސްޓަރަކަށް ހުރީ އަށް މަހާއި 24 ދުވަހު. އެހެންކަމުން އެހާ ގިނަ ދުވަސްވީ ރަހުމަތްތެރި ކަމެއް އުފެދިފައެއް ވެސް ނީންނާނެ. ދެން އަނެއްކޮޅުން އަދީބު އަޅުގަނޑަށް ލާރި ދޭން ޖެހޭ އެއްވެސް ސަބަބެއް ނީންނާނެ،" ރާއްޖެއިން ބޭރުގައި ހުންނެވި ޖަލީލް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ ފައިސާގައި ޖެހުނު ކަމަށް ކުރާ ތުހުމަތާއެކު އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށެވެ.
"ފައިސާގެ ކަމެއްގައި އަޅުގަނޑުގެ ނަން އައީމަ ވަރަށް ދެރަވެއްޖެ. އަޅުގަނޑުގެ ބައްތިރީސް އަހަރުގެ ޚިދުމަތް ނިންމިއިރުގައި ވެސް ނީންނާނެ ސަރުކާރުގެ އެންމެ ސެންޓެއްގައެއް ވެސް ޖެހިފައެއް. އަޅުގަނޑަކީ ވަރަށް ކްލީންކޮށް ނިންމި މީހެއް،" ޖަލީލް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވީ އޭނާ ގެންގުޅެނީ އަމިއްލަ ފައިސާ ކަމަށެވެ. އޭނާއަކީ ގިނަ އަހަރުތަކެއް ވަންދެން ސިފައިންގޭގެ އިސް މަގާމުތަކެއް ބޮޑު މުސާރައާއެކު ފުރުއްވާފައިވާ މީހަކަށް ވުމުން ސޭވިންގައި ގިނަ އަދަދެއްގެ ފައިސާ އަބަދުވެސް ގެންގުޅޭ ކަމަށް ޖަލީލް ވިދާޅުވިއެވެ. އަދި ކުއްޔަށް އުޅެން ނުޖެހޭތީ ފައިސާ ރައްކާ ކުރެވޭވަރު އިތުރު ކަމަށް ޖަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޭންކުން ނަގާ ފީތަކުގެ ސަބަބުން ފައިސާ ރައްކާ ކޮށްފައި ގިނައިން ބަހައްޓަނީ ގޭގައި ކަމަށެވެ.
ޖަލީލް ވިދާޅުވީ މި މައްސަލާގައި ވެސް ކޯޓުން އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މޫސާ އަލީ ޖަލީލަކީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދެވަނަ ޑިފެންސް މިނިސްޓަރެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަމަށް މޫސާ އަލީ ޖަލީލް ގެންނެވީ، އެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލައެއްގައި އޭނާ އެމަގާމުން ވަކި ކުރައްވައި، ހައްޔަރު ކުރުމުންނެވެ.
އެހެން ނަމަވެސް ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗުކޮޅު "ފިނިފެންމާ"ގައި 2015 ވަނަ އަހަރު އެއްޗެއް ގޮވި ހާދިސާއަށް ފަހު، ރައީސް ޔާމީން ވަނީ މޫސާ އަލީ ޖަލީލް ޑިފެންސް މިނިސްޓަރުކަމުން ވަކިކުރައްވައިފައެވެ.
މޫސާ އަލީ ޖަލީލްގެ މައްޗަށް ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ވެސް ކޮށްފައެވެ. ފަހުން ކޯޓުން ވަނީ އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފައެވެ.
މޫސާ އަލީ ޖަލީލަކީ 3 ނޮވެމްބަރުގެ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް މުހިންމު ދައުރެއް އަދާކުރެއްވި ބަތަލެކެވެ. އެ ދުވަހުގެ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް އެންމެ ހިތްވަރު ދެއްކެވި ބޭފުޅުންގެ ތެރޭގައި ޖަލީލް ހިމެނެއެވެ.