މޮސްކޯ (2 ނޮވެންބަރު 2024): އުތުރު ކޮރެއާއިން އެމެރިކާއާއި ނޭޓޯއަށް ގޮންޖަހައި ރަޝިއާއަށް ސިފައިންނާއި ހަތިޔާރު ފޯރުކޮށްދޭނެކަން ރަސްމީ ސިފައެއްގައި ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރަޝިއާއަށް ވަޑައިގެން އުޅުއްވާ އުތުރުކޮރެއާގެ ޚާރިޖީ ވަޒީރާ ޗުވީ ޗުން ހުވާއި އެވެ. މޮސްކޯގައި ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ އިއްޔެ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި އެކަމަނާ ވިދާޅުވީ ރަޝިއާ ހަނގުރާމަ ކުރަނީ ޔުކްރެއިން އާ ދެކޮޅަށް ނޫންކަމަށާއި ރަޝިއާ ހަނގުރާމަކުރަނީ އެމެރިކާގެ ހެޖޮމަނީ ނުވަތަ އެމެރިކާގެ "ޖައްބާރުވަންތަ" ކަމާއި "ނުލަފާ" ކަމާ ދެކޮޅަށް ކަމުގައެވެ.
ޔުކްރެއިންގެ ފަހަތުގައި އޮތީ އެމެރިކާއާއި އެމެރިކާ އަތްދަށުލާފައިވާ އެމެރިކާގެ އެޖެންޓުންކަމަށްވާ ނޭޓޯގެ ގައުމުތައް ކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.
ދުނިޔެ އަތްދަށުލައިގެން އެމެރިކާ އެގައުމަށް ސަނާކިޔާ ނޭޓޯގެ ގައުމުތަކާ ގުޅިގެން އެެހެން ގައުމުތަކުގެ ދުވަސް ދުއްވާލުމަކީ އެމެރިކާގެ މަގްސަދުކަމަށާއި ރަޝިއާއަށްވެސް ޔުކްރެއިންގެ ތެރެއިން ކުރިމަތިވެފައިވަނީ އެމެރިކާގެ މި "ޖައްބާރުކަމާއި" "އަނިޔާވެރިކަން" ކަމަށް އުތުރުކޮރެއާގެ ޚާރިޖީ ވަޒީރާ ޗުވީ ޗުން ހުވާއި ސިފަކުރެއްވިއެވެ.
މިހާލަތުގައި ރަޝިއާ ކޮޅަށްޖެހި ރަޝިއާއަށް ނަސްރު ހޯދައި ދިނުމަކީ އުތުރުކޮރެއާގެ ވާޖިބެއް ކަމަށާއި މި ހަނގުރާމައިގައި ރަޝިއާ ބަލިވެއްޖެނަމަ ދެން ހަތިޔާރާއެކު އެމެރިކާ އަންނާނީ އުތުރުކޮރެއާއާއި އެނޫންވެސް އެމެރިކާގެ ކިބައިން މިނިވަންވެފައިތިބި މުސްތަގިއްލު ގައުމުތަކާ ދިމާއަށް ކަމީ ޝައްކެތް އޮތް ކަމެއް ނޫންކަމަށް އެކަމަނާ ވިދާޅުވިއެވެ. އޭރު އޮންނާނީ ވަގުތު ފާއިތުވެފައި ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިއީ އެމެރިކާއަށް ގޮންޖެހުމަށްފަހު ޔުކްރެއިން ހަނގުރާމައިގައި ރަޝިއާއާށް އަސްކަރީ ގޮތުން އެހީތެރިވާނެކަމަށް ދުނިޔޭގެ ގައުމަކުން ރަސްމީ ސިފައެއްގައި ހާމަކުރި ފުރަތަމަ ފަހަރެވެ.
އުތުރު ކޮރެއާ މިކަން ހާމަކޮށްފައިވަނީ އެގައުމުން ރަޝިއާއަށް 12 ހާސް ސިފައިންނާއި ގިނަ އަދަދެއްގެ ހަތިޔާރު ފޮނުވިކަމުގެ ޚަބަރުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
އުތުރުކޮރެއާ އާއި ރަޝިއާ ދާދިފަހުންވަނީ އެއްގައުމު އަނެއް ގައުމަށް އަސްކަރީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުން ދިނުމުގެ ކޮންޕްރެހެންސިވް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ނޭޓޯގެ ގައުމުތަކުގެ މެދުގައި އޮންނަ ބާވަތުގެ އެއްބަސްވުމެކެވެ.
މި ބާވަތުގެ އެއްބަސްވުމެއް ރަޝިއާ އާއި އީރާނާ ދެމެދުވެސް ސޮއިކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުންވެސް ގިނަ އަދަދެއްގެ ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދޭކަމަށް އެމެރިކާއާއި ނޭޓޯ އަދި ޔުކްރެއިން ބުނެއެވެ. ނަމަވެސް އީރާނުން މިކަން ދޮގުކުރެއެވެ.
ރަޝިއާއަށް އަސްކަރީ ގޮތުން އެހީތެރިވުމަކީ ރަޝިއާ ކުރިޔަށް ގޮސްފައިވާ ފަޒާގެ ޓެކްނޮލޮޖީ އާއި މަދަނީ މަތިންދާ ބޯޓު އުފެއްދުމުގެ ޓެކްނޮލޮޖީއާއި ފައިޓާ ޖެޓް އުފެއްދުމުގެ ޓެކްނޮލޮޖީ ފަދަ މަތީ ފެންވަރުގެ އަސްކަރީ އަދި މަދަނީ ޓެކްނޮލޮޖީތައް އުތުރުކޮރެއާއަށާއި އީރާނަށް ލިބިގެންދާނެ ކަމެއްކަން ބަޔާންކޮށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ދާދިފަހުންވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
އެމެރިކާ މިކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އިއްޔެ އުތުރު ކޮރެއާ އިންވަނީ އެމެރިކާގެ ކޮންމެ ތަނަކަށްވެސް ފޯރާފަދަ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އިންޓަކޮންޓިނަލް ބަލިސްޓިކް މިސައިލެއް އުފައްދައި އެމިސައިލް ދައްކާލާފައެވެ.
މިއީ ރަޝިއާގެ ޓެކްނޮލޮޖީ އުތުރުކޮރެއާއަށް ލިބިގެން އުތުރުކޮރެއާއިން އުފެއްދި އަށް ހާސް ކިލޯމީޓަރުގެ ރާސްތާގެ މިސައިލެއްކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ. ކުރިން އުތުރުކޮރެއާ އަކީ މިހާ ދުރުރާސްތާގެ މިސައިލް އުފެއްދުމުގެ ޓެކްނޮލޮޖީ ހުރި ގައުމެއް ނޫނެވެ.
ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން މިވީ ދެ އަހަރުބައިގެ ތެރޭގައި އުތުރުކޮރެއާ އާއި ރަޝިއާގެ އަސްކަރީ އަދި އިގްތިސާދީ ގުޅުންތައްވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.
އެމެރިކާއާއި އދ.އިން އުތުރުކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބެލުމެއްނެތި ރަޝިއާ އާއި ޗައިނާ ގެންދަނީ އުތުރުކޮރެއާއަށް ބޭނުންވާ ތެލާއި ގޭހާއި އެނޫންވެސް ހުރިހާ ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. މިއީވެސް އެމެރިކާ އިންތިހާއަށް ރުޅިއަންނަ ކަމެކެވެ.
ޗައިނާއިން ރަޝިއާއަށް ސީދާގޮތެއްގައި ހަތިޔާރު ފޯރުކޮށް ނުދިން ނަމަވެސް ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސެމީ ކޮންޑަކްޓާސްފަދަ ހައިޓެކްގެ ބާވަތްތައް ޗައިނާވެސް ރަޝިއާއަށް ފޯރުކޮށްދޭ ކަމަށްވެއެވެ. އެއީ އެމެރިކާގެ ކުރިމަތީގައި ރަޝިއާ ބަލިވެއްޖެނަމަ ދެން އެމެރިކާ އަންނާނީ ޗައިނާއަށް ޖެއްސުން ކުރަންކަން ޗައިނާއާ ދިމާއަށްކަން ޗައިނާއަށް އެނގޭތީއެވެ.
ރަޝިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އުފައްދާ ގައުމު ކަމަށްވިޔަސް އެމެރިކާއާއި ނޭޓޯގެ 30 ގައުމުން ޔުކްރެއިންއަށް ހަތިޔާރު ފޯރުކޮށްދޭއިރު ރަޝިއާ އެކަނި ދިގު މުއްދަތަކަށް އެކަމާ ކުރިމަތިލުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ޚުދު އެމެރިކާ ވެސް ދުނިޔޭގެ ގައުމުތަކާ ހަނގުރާމަ ކުރަނީ އެކަންޏަކު ނޫނެވެ. ނޭޓޯގެ ގައުމުތަކާއެކު ކޯލިޝަން ހަދައިގެންނެވެ. އެ ގައުމުތަކުން ސިފައިންނާއި ހަތިޔާރު ވެސް ހޯދައިގެންނެވެ. އިރާގަށް އަރައިގަތީވެސް އިނގިރޭސިވިލާތާއެކު ކޯލިޝަން ހަދައިގެން އިނގިރޭސީންގެ އަސްކަރީ އެހީއާއެކުގައެވެ.
އެމެރިކާ އަފްޣާނިސްތާނަށް އަރައިގަތީ ވެސް ނޭޓޯގެ 30 ގައުމުގެ އެހީތެރިކަމާއެކު އެގައުމުތަކުގެ ސިފައިންވެސް ބައިވެރިކޮށްގެންނެވެ.
އުތުރުކޮރެއާގައި ރިޒާވް ސިފައިންނާއެކު 3.4 މިލިޔަން ސިފައިން ތިބެއެވެ. ނިޒާމީ ލަޝްކަރުގައިވެސް 1.3 މިލިޔަން ސިފައިން ތިބެއެވެ. އެމެރިކާގެ ނިޒާމީ ލަޝްކަރުގައި އެއްމިލިޔަން ސިފައިންވެސް ހަމަނުވެއެވެ.