ދުންފަތުގެ ބާވަތްތައް ކްލިއާ ކުރާއިރު، އެއްފަހަރާ ޑިއުޓީ ދެއްކުން ލާޒިމުކޮށްފި

ކޮންޓެއިނަރުތަކެއް: ދުންފަތުގެ ބާވަތްތައް ކްލިއާ ކުރާއިރު، އެއްފަހަރާ ޑިއުޓީ ދައްކަން ލާޒިމުކޮށްފި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުންފަތުގެ ބާވަތްތައް ކްލިއާ ކުރާއިރު، އެއް ފަހަރާ ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ކަސްޓަމްސްގެ ގަވައިދު އިސްލާހު ކޮށްފިއެވެ.

ކަސްޓަމްސްގެ ގަވައިދަަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް އެތެރެކޮށް ބޭރުކުރުމުގެ ހުއްދަ އޮންނަ ކޮންމެ އެއްޗެއް ބެހެއްޓުމަށް ބޮންޑެޑް ވެއާހައުސެއްގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

ނަމަވެސް އެ ގަވައިދު އިސްލާހުކޮށްފައި ވަނީ ސިނގިރޭޓާއި ބިޑިއާއި ދުންފަތުގެ ބާވަތްތަކާއި އީ ސިނގިރޭޓާއި ވޭޕުގެ އިތުރުން ނިިކޮޓިން ނުވަތަ ނިކޮޓިން ފަދަ އެހެނިހެން ކެމިކަލް އެކުލެވޭ އެރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުހިމެނޭ ގޮތަށެވެ.

އެއާއެކު އިސްލާހާއެކު ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، ކްލިއާ ކުރާއިރު އެއްފަހަރާ ޑިއުޓީ ދައްކަން ގަވައިދުގައި ވަނީ ލާޒިމުކޮށްފައެވެ.

ކަސްޓަމްސްއިން އިތުރަށް ގަވައިދަށް ގެނެސްފައިވާ އިސްލާހުތައް:

  • ކަސްޓްމަސްގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކާއި ކަނޑައަޅާ އައިޓަމްތަކެއް ބަހައްޓަން ޚާއްސަކުރާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގެ އޮފީސް ހުންނަ ސަރަހައްދުތަކުގައި ހެދިދާނެ ކަމަށް ބުނުން
  • އިންވާޑް ކާގޯ މެނިފެސްޓް ނުވަތަ އައުޓްވާޑް ކާގޯ މެނިފެސްޓް ނުހިމަނައި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުން ނުވަތަ ކުުރުމުގައި ބައިވެރިވެއްޖެ ނަމަ ފަހަރަކު ދެ ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ހިމެނުން
  • އުޅަނދު ބަނދަރު ކުރުމަށް ހަމަޖެހިފައިވާ ބަނދަރާއި އެ ބަނދަރަށް އައުމަށް ބޭނުންކުރާ ރޫޓާއި ރާއްޖެއަށް ވަންނާނެ ސަރަހައްދު ކަމަށް ބުނެ ކަސްޓަމްސްއަށް ހުށަހަޅާ ލިޔުންތަކުގައި ބުނާ ގޮތާ ޚިލާފަށް ދަތުރުކުރުން ނުވަތަ ބަނދަރު ކުރާ ކޮންމެ ފަހަރަު އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ހިމަނާފައިވުން
  • ރާއްޖެއިން ބޭރުން އަންނަ ކަނޑު އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ނިއްވާލާފައިވާނަމަ ފަހަރަކު ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވުން

އޭގެއިތުރުން، ބަނގުރަލާއި އޫރުމަހާއި އޫރުމަސް އެކުލެވޭ ތަކެއްޗާއި ދުންފަތުގެ ބާވަތްތަކަށް ޝިޕް ސްޓޯސްގެ ގޮތުގައި އެތެރެކުރުމުގެ ހުއްދައެއް ނުދޭނެ ކަމަށް ގަވަައިދުގައި ބުނެފައިވެއެވެ.

އެކަމަކު، ކަސްޓަމްސް އިން ހުއްދަ ކުރާ މިންވަރަކަށް ރަޖިސްޓްރީވެފައިވާ ބޮންޑެޑް ވެއާހައުސެއްގައި ޝިޕް ސޯޓްސްގެ ގޮތަށް އިންޕޯޓް ޑިއުޓީން އިސްތިސްނާވާ ގޮތަށް އެ ބާވަތްތައް ދޫކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް