ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ޚާން އާއި ފިރިމީހާ، އެކްޓަރު ސައިފް ޢަލީ ޚާން ދެ ކުދިންނާއެކު ރާއްޖެ އަތުވެއްޖެއެވެ.
ކަރީނާގެ ދެމަފިރިންނާއި ދެކުދިން ކަމަށްވާ ތައިމޫރު އަލީ ޚާން އަދި ޖޭ އަލީ ޚާންއާއެކު އިއްޔެ މުމްބާއީ އެއާޕޯޓުގައި ތިބި ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓުގައި ދައުރުވެފައިވާއިރު ބެލެވޭގޮތުގައި މި އާއިލާ ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ.
މިއަދުގެ ވަގުތެއްގައި ކަރީނާ ވަނީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައެވެ.
އިންޑިއާގައި ގިނަ ބަޔަކު ފާހަގަކުރާ ދިވާލީ ދުވަސް ފެށުމުގެ އެއް ދުވަސް ކުރިން ބަތަލާ ރާއްޖެ އައުމަށްފަހު ކުރި ޕޯސްޓުގައި ސަޕޯޓަރުންނަށް ދިވާލީގެ ތަހުނިޔާ ވަނީ ކިޔައިފައެވެ.
މީގެކުރިން ވެސް ކަރީނާ ވަނީ އެކި ފަހަރުމަތިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ކަރީނާގެ އާއިލާއިން މިފަހަރު ރާއްޖެ އައިސް ތިބީ ކޮން ރިސޯޓެއްގައި ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ބެލެވޭގޮތުގައި ދިވާލީ ދުވަސްތަކާ ދިމާކޮށް ލިބޭ ބަންދު ހަފުތާ މި އާއިލާއިން ހޭދަކުރާނީ ރާއްޖޭގައެވެ.
އިންޑިއާގެ އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަރީނާ އާއި އެކްޓަރު ސައިފް އަލީ ޚާންގެ ކައިވެންޏަށް 12 އަހަރުވެފައިވާއިރު މި އާއިލާއަކީ އިންޑިއާގެ މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އާއިލާއެވެ. ކަރީނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މާދަމާ ރިލީޒްކުރާ ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ. ސައިފް އަލީ ޚާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ތެލުގޫ ފިލްމު "ދޭވަރާ"އިންނެވެ.