ރާއްޖޭގައި ޑޮކްޓަރަށް ނުދެއްކި މީހުން ކިޔޫގައި ގިނަ ދުވަސްތަކުގައި ތިބެން ޖެހޭޖެހުން ހައްލު ކުރުމަށްޓަކައި 15 ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކް އަޅަން ބަޖެޓް ކޮށްފިއެވެ.
އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވިއިރު ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ހިމަނުއްވާފައެވެ.
ފަނަރަ ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިލް އެޅުމަށް ބަޖެޓުގައި ހިމަނާފައިވާއިރު އެ ކްލިނިކްތައް އެޅުމުން ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭނީ އެ ފަދަ ކްލިނިކަކަށް ދެއްކުމަށް ފަހުއެވެ. އޭރުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އޮންނަ ކިއޫ އެއްކޮށް ނައްތައިލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން ސިއްހީ ޚިދުމަތްތައް ހޯދުމުގައި ހުރި ތަކުލީފުތައް ނައްތާލަން އިތުރު ފަސް ހޮސްޕިޓަލެއް ރާއްޖޭގައި ބިނާކުރަން ވެސް ވަނީ އަންނަ އަހަރަށް ބަޖެޓުކޮށްފައެވެ.
އެއާއެކު ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ފަދަ ޚާއްސަ ޞިއްޙީ ޚިދުމަތްތައް ރާއްޖޭގައި ތިބެގެން ހޯދޭނެ ކަމަށް ސަރުކާރުން ބުނެއެވެ. ހަމައެއާއެކު އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރަހައްދީ ފެންވަރެއްގައި ސިއްހީ ޚިދުމަތް ފުޅާވެގެން ދާނެ ކަމަށާއި އޭރުން މަދު ހާލަތެއްގައި ނޫނީ މާލެ ނައިސް ފަރުވާ ހޯދޭނެ ނިޒާމުގެ ބިންގާ އެޅޭނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
ހަމައެއާއެކު އަންނަ އަހަރުގެ ތެރޭގައި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމަށް އިސްވެ މަސައްކަތްކުރާނެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރެވިގެން ދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓަކީ މިހާތަނަށް ހުށަހެޅޭ އެންމެ ފުރިހަމަ ބަޖެޓަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މާލީ ވުޒާރާއިން ބުނީ، ބަޖެޓު އެކަށިގެންވާ ގޮތެއްގައި ތަންފީޒުކުރަން ބޭނުންވާ ކަމަށާއި އެކަން ކުރެވިއްޖެ ނަމަ އަންނަ އަހަރު ސަޕްލިމެންޓަރީ ބަޖެޓަކައިނުލާ ނިންމާލެވޭނެ ކަމަށެވެ.