ކުރީގެ ނައިބު ރައީސް އަދި މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބަލައިނުގަތުމުން, އެ ނިންމުން މުރާޖާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިއަދު އެ މައްސަލަ ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.
މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.
އެކަމަކު، އަނބުރާ ފޮނުވައިލީ އަލުން ހުށަހެޅޭ ގޮތަށް 15 ދުވަހުގެ ފުރުސަތެއް ދީފައެވެ. އޭރު ޖިހާދަށް ޗިޓު ރައްދު ނުކުރެވިފައިވަނީ އޭނާ ރާއްޖޭގައި ނޫޅުއްވާތީ ކަމަށް ވިޔަސް، އޭނާ މިހާރު ހުންނެވީ ރާއްޖޭގައެވެ.
އެ މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ބުނީ، ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް ދިން ފުރުސަތު މި މަހުގެ 13 އަށް ހަމަވެފައިވާ ކަމަށެވެ. ނަމަވެސް، ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
ޖިހާދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ، ބެލޭނެ މައްސަލައެއް ނޫން ކަމަށް ނިންމައި ދަށު ކޯޓުން މައްސަލަ ބޭރުކޮށްލީ މިދިޔަ މަހުގެ 25 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހެވެ.
މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުމުގައި ގާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެހެންވެ، ދައުލަތުން ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ.