ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިހާރުގެ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މިއަދު ބޭއްވި ބޭންކުގެ ޚާއްސަ އާންމު ޖަލްސާގައި، ސަރުކާރުގެ ފަރާތުން ބޭންކުގެ ބޯޑަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޝަރީފް ވަނީ ބީއެމްއެލް ބޯޑަށް އައްޔަންކޮށްފައެވެ.
އެ ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި އޭނާ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރި ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
ޝަރީފް ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ މި މަހުގެ 17ގައެވެ.
ޝަރީފަކީ މާލީ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި ހަތް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ވެސް ހޯއްދަވައިފައިވެއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި ޝަރީފް އެ ބޭންކުގައި މަސައްކަތްކުރެއްވި މުއްދަތުގައި އޭނާވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކުން ހޯދާފައިވާ ކާމިޔާބީގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްދެއްވައިފައެވެ. އެގޮތުން ޝަރީފްވަނީ ކޯ-ބޭންކިން ސިސްޓަމްތައް ގާއިމުކުރުމާއި، ޑެބިޓް އަދި ކްރެޑިޓް ކާޑު ތައާރަފުކުރުމާއި، ބޭންކުގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރި މަސައްކަތުގެ ދަށުން އިންޓަނެޓް އަދި މޮބައިލް ބޭންކިން، ސެލްފް ސާވިސް ބޭންކިންގެ އިތުރުން އީކޮމާސް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ޝަރީފް ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލްއިން ސީއީއޯއިންނާއި ސީނިއާ އެގްޒެކްޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއާ އެގްޒެކްޓިވް ޕްރޮގްރާމް' ފުރިހަމަ ކުރައްވާފައެވެ.
ޝަރީފް ވަނީ 2018އިން 2020އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމް އަދާކުރައްވާފައެވެ.
ބީއެމްއެލްގައި 1995އިން ފެށިގެން ޚިދުމަތް ކުރެއްވުމަށް ފަހު، ފެބުރުއަރީ 17، 2020ގައި އޭނާ މަގާމުން އިސްތިއުފާ ދެއްވިއެވެ. ޝަރީފް އިސްތިއުފާ ދެއްވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ތެދު ނޫން މައުލޫމާތުތަކެއް ދެއްވި ކަމަށް ތުހުމަތުވެ މަޖިލީހުން މައްސަލަ ބަލަމުން ދަނިކޮށެވެ.
ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި ޕްރައިވެޓް ސެކްޓަރުގައި ވެސް މަސައްކަތްކުރައްވާފައެވެ.
ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އިސްތިއުފާ ދެއްވުވުމުންނެވެ.
ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރެއްވީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީނެވެ.