ބީއެމްއެލްއިން ވިޔަފާރިތައް ފަށައިގަތުމަށް މަލީ އެހީ ދިނުމުގެ ގޮތުން ދޫކުރާ ސްޓާޓް އަޕް ގްރާންޓުގެ އެހިގައި "މޯލްޑިވިއަން ޕެޓިސިއާ" ބޭކަރީ މިއަދު ހުޅުވައިފިއެވެ.
"މޯލްޑިވިއަން ޕެޓިސިއާ" އަކީ އައިމިނަތު ހަމީދު، އައިންތު އިންސްޓަގްރާމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކުޑަ ވިޔަފާރިއެކެވެ. އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް އޭނާ ފޮނިއެއްޗިސް ވިއްކާއިރު، އެ ތަކެއްޗަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓުގެ އެހީގައި "މޯލްޑިވިއަން ޕެޓިސިއާ" ބޭކަރީ ހުޅުވުން -- ފޮޓޯ/ މޫސާ ނަދީމް
މި ފަހުން އައިންތުގެ އުފެއްދުންތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާ ކުރިއަށްގެންދިޔަ ޕޮޕް އަޕް ހަރަކާތްތަކުންނެވެ.
އޭނާ ވަނީ ވޯލްޑޯފް އެސްޓޯރިއާ އިތާފުއްޓާއި ރަންގަލި ރިސޯޓުގައި މީގެ ކުރިން ޕޭސްޓްރީ ޝެފެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
އައިންތު ވަނީ ސްރީ ލަންކާގެ ވިން ސްޓޯނުން ކަލިނަރީ ޑިޕްލޮމާ ކޯސް ފުރިހަމަކޮށްފައެވެ. އަދި އޮސްޓްރޭލިއާ އިން ވެސް ކޯސްތަކެއް ފުރިހަމަކޮށްފައި ވެއެވެ.

ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓުގެ އެހީގައި "މޯލްޑިވިއަން ޕެޓިސިއާ" ބޭކަރީ ހުޅުވުން -- ފޮޓޯ/ ބީއެމްއެލް
ކޮވިޑުގެ ދުވަސްވަރު އުފަން ރަށް އައްޑޫގައި އޭނާ ފޮނި އެއްޗެހި ހަދައި ވިއްކަން ފެށިއެވެ. އަދި ގިނަ ބައެއްގެ އެދުމުގެ މަތިން އޭނާ ވަނީ އޭރު އައްޑޫގައި ކްލާސްތަކެއް ވެސް ނަގައިދީފައެވެ.
ބީއެމްއެލްގެ ސްޓާޓްއަޕް ގްރާންޓަކީ ބޭންކުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި ހަރަކާތެކެވެ. މިއީ މި ހަރަކާތުގެ ދަށުން ގްރާންޓް ދޫކުރާ ތިންވަނަ އަހަރެވެ.
ސްޓާޓް އަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވާނެއެވެ. އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް ދެނީ 500،000 (ފަސް ލައްކަ) ރުފިޔާއެވެ.
ބީއެމްއެލްއިން މިއަހަރު ސްޓާޓް އަޕް ގްރާންޓަށް ހުޅުވައިލީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.