މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލެ، މާލެ ސިޓީއާ ގުޅުވައިލަން ހަދާ ދުނިޔޭގެ ފުރަތަމަ، ކަނޑުއަޑީގެ ޓަނަލަކީ ރައީސްގެ އާދަޔާ ޚިލާފު ވިޝަންއެއްކަމަށާއި އެ ކަމަށް މަސައްކަތްކުރާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެ ފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގއި ނޫސްވެރިއަކު ޓަނަލްގެ މަސައްކަތުގެ ތަފްސީލަށް އެދުމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކަނޑުއަޑީގެ އޯޕަން ސީ ޓަނަލް އެޅުމަށް ބޭނުންވާ ޓެކްނޮލޮޖީ އަދި ނެތް ކަމަށެވެ. ނަމަވެސް މިއީ ރައީސްގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވޭ، ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިޝަންއެއްގެ ވާހަކަ. އެ މަނިކުފާނު އެންވިޝަން ކުރައްވަނީ މާލެއިން ރަސްމާލެއަށް ގުޅިފައި އޮންނާނީ ޓަނަލްއެއްގެ ތެރެއިންނޭ،"
"އެއީކީ މިހާރު ދުނިޔޭގައި މި ވަގުތު ފެންނަން އޮތް ޓެކްނޮލޮޖީއެއް ނޫން. މި ވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި އޯޕަން ސީގައި ހަދައިފައި ހުރި ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއްނޫން މި ދައްކަނީ،"
ނަމަވެސް މުއްތަލިބު ވިދާޅުވީ ރައީސް އެ ތަސައްވުރު ދެކެވަޑައިގަތީމާ ދެން އޮންނާނީ އެ ކަމަށް މަސައްކަތްކުރުން ކަމަށެވެ. އެކަން ކުރެވޭނެކަމަށް ބާރުދެއްވައި މުއްތަލިބު ވިދާޅުވީ އެމެރިކާއިން ހަނދަން ދާން، ކުރީގެ ރައީސް ޖޯން އެފް ކެނެޑީ ތަސައްވުރު ދެކެވަޑައިގަތީ ކުރިން ބަޔަކު ހަނދަށް ގޮސްގެން ނޫންކަމަށެވެ.
"ލީޑަރެއްގެ ހުންނަ ވަރަށް ޚާއްސަ ސިފައެއް އަސްލު އެ ވިޝަން އެންވިޝަން ކުރަން އެނގިވަޑައިގަތުން. އެ ކަން ކުރައްވަން ކެރިވަޑައިގަތުން،" ރައީސްގެ ވިޝަންއަކީ އާދަޔާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
އެ ކަން ހާސިލްކުރުމަށް ބޭނުންވާ މަސައްކަތް ކުރާނެކަމަށާއި އެ ކަމަށް ވަގުތު ވެސް ނަގާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ކަމަށް މާލީ ގޮތުންނާއި ޓެކްނިކަލް ގޮތުން ފީޒިބަލް ވާނެ ގޮތްތައް ވެސް ބަލަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިއި ޓައިމްލަނެއް ދީގެން ކުރާވަރަށްވުރެ މާ ބޮޑު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޓަނަލްގެ ވާހަަކަ ރައީސް އިއުލާނުކުރެއްވީ މި އަހަރުގެ ޖެނުއަރީ 22ގައެވެ. ނަމަވެސް އެކަމުގެ މާ ބޮޑު އިތުރު ތަފްސީލެއް ހިއްސާނުކުރައްވައެވެ.