އިޓާލިއަން ސެރީއާގެ ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީން ލެއްޗެ ބަލިކޮށްފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގައި ނަޕޯލީއަށް ލެއްޗެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ ދަތިތަކަކާ ކުރިމަތިވިކަން ފާހަގަވިއެވެ. ފުރަތަމަ ހާފުގައި ނަޕޯލީގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ ލެއްޗެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ވިއޭއާރުން ބެލުމަށް ފަހު، އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ދައްކާފައެވެ.
މެޗުގައި ނަޕޯލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑި ލޮރެންޒޯއެވެ.
މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު ވަނީ ކުޅުނު ނުވަ މެޗުން ލިބިފައިވާ 22 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އެ ޓީމުގެ ލީޑު ފަސް ޕޮއިންޓަށް އިތުރުކޮށްފައެވެ. މެޗުން ބަލިވުމުން ލެއްޗެ އޮތީ ފަސް ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.
މުބާރާތުގައި އެޓަލާންޓާއާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 6-1 އިން ކާމިޔާބުކޮށްފައިވަނީ އެޓަލާންޓާއެވެ.
މެޗު އެޓަލާންޓާއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. ހަވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މާޓެން ޑި ރޫންގެ ލަނޑާ އެކު މެޗުގެ ލީޑު ނެގިއެވެ. އޭގެ ތިން މިނެޓް ފަހުން އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ މަޓިއޯ ރެޓެގޫއެވެ. ރެޓެގޫވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 10 އަކަށް ވަނީ އަރާފައެވެ. މެޗުގައި އެޓަލާންޓާއަށް އަނެއް ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އަޑެމޮލާ ލޫކްމަން ކާމިޔާބުކޮށްދިންއިރު ޗާލްސް ޑި ކެޓެލެއާ ވެސް ވަނީ މެޗުގައި ލަނޑެއް ޖަހައިދީފައެވެ. ވެރޯނާއިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަމިން ސާއެވެ. މިއީ އޭނާ ސެރީއާގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި ކާމިޔާބީއާ އެކު އެޓަލާންޓާ މިހާރު އޮތީ ނުވަ މެޗުން ލިބިފައިވާ 16 ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައިގައެވެ. ވެރޯނާ އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގައެވެ.