ހޮރޯ ކޮމެޑީއަކަށް ކިއާރާ ސޮއިކޮށްފި

ބަތަލާ ކިއާރާ އަދުވަނީ: ކިއާރާ އަކީ ބޮލީވުޑްގެ އެންމެ އުއްމީދީ ބަތަލާއިންގެތެރޭ ހިމެނޭ ފިލްމީ ތަރިއެއް--ފޮޓޯ/ޕިންކްވިލާ

މި ދުވަސްވަރު އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ބޮލީވުޑްގެ ހޮރޯ ކޮމެޑީ ޖޯންރާގެ ފިލްމަކަށް ބަތަލާ ކިއާރާ އަދުވާނީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މެޑްޑޮކް ފިލްމްސްއިން ކިއާރާއާ އެކު ފަށަން ތައްޔާރުވަމުން އަންނަ ހޮރޯ ކޮމެޑީ ފްރެންޗައިސްގެ ނަމަކީ "ދޭވީ"އެވެ. މި ފިލްމު ގެނެސްދޭނީ އިސްތިރީ ސިނަމެޓިކް ޔުނިވާސްގެ ދަށުން ކަމަށާއި އަންނަ އަހަރު ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

މި ފިލްމު ޕްރޮޑިއުސްކުރާނީ މި އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އިސްތިރީ 2"ގެ ޕްރޮޑިއުސަރު ދިނޭޝް ވީޖަންކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފްރެންޗައިސް ފިލްމު "އިސްތިރީ" ސިލްސިލާއަށް ވުރެ ތަފާތުވާނެ ކަމަށާއި ބެލުންތެރިން އުއްމީދުކުރާ ހުރިހާ ރަހަތަކެއް ވެސް ހިމެނޭނެ ކަމަށް ދިނޭޝް ވީޖަންއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ކިއާރާ އެކްޓަރު ކާތިކް އާރިޔަންއާ އެކު ފިލްމު "ބޫލް ބުލައްޔާ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ކަބީރު ސިންގް"، "ގުޑް ނިއުސް" އަދި "ޝޭރްޝާހް" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ކިއާރާއަކީ ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ. މިދިޔަ އަހަރު ފިލްމު "ސަތިޔަޕްރޭމް ކީ ކަތާ"އިން ބެލުންތެރިންނަށް ފެނުނު ބަތަލާގެ ފިލްމެއް އެންމެ އަވަހަށް ރިލީޒްކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެއީ, ތެލުގޫ އެކްޓަރު ރާމް ޗަރަންއާ އެކު ކުޅޭ ފިލްމު "ގޭމް ޗޭންޖަ"އެވެ.

ސައުތު ސިނަމާގެ އިތުރު ފިލްމެއްގައި މަސައްކަތްކުރަމުން އަންނަ ބަތަލާއަކީ ޔަޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ "ވޯ 2"ގެ ވެސް ލީޑް ބަތަލާއެވެ.

ރިޕޯޓުތައް ބުނާގޮތުން ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ ފިލްމުގެ މަސައްކަތަށް ކިއާރާއަށް ވަގުތު ހުސްކޮލެވޭނީ ފިލްމު "ވޯ 2"ގެ މަސައްކަތް އެއްކޮށް ނިންމާލެވުމުންނެވެ.

comment ކޮމެންޓް