އަލީ ފަޒަލްއަށް އިތުރު ތުރިލާއެއް، ބަތަލާ އަކީ ސޮނާލީ

ބަތަލާ ސޮނާލީ ބެންޑްރޭ، ޑައިރެކްޓަރު ޕްރޮސިތު ރޯއި އަދި އެކްޓަރު އަލީ ފަޒަލް--ފޮޓޯ/ބޮލީވުޑްހަންގާމާ

އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "މިރުޒާޕޫރު"އިން ބޮޑު މަގުބޫލުކަމެއް ލިބުނު އެކްޓަރު އަލީ ފަޒަލް އިތުރު އެކްޝަން ތުރިލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމު އަދި ވެބް ސީރީސް ކުޅުމުގެ އިތުރުން ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ކުރާ އަލީ ފަޒަލް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ މަޝްހޫރު ވެބް ސީރީސް "ޕާތަލް ލޮކް ސީޒަން 1"ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި ޑައިރެކްޓްކުރާ ފިލްމަކަށެވެ.

މި ފިލްމުގައި އަލީ ފަޒަލްއާއެކު ބަތަލާގެ ރޯލްއިން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ސޮނާލީ ބެންޑްރޭއެވެ. ސޮނާލީ އަކީ ވެބް ސީރީސް "ޕާތަލް ލޮކް"ގެ މުހިއްމު ރޯލެއް ކުޅެފައިވާ ބަތަލާއެކެވެ. ރިޕޯޓުތައް ބުނާގޮތުން ޕްރޮސިތު ރޯއިގެ މި އެކްޝަން ތުރިލާއިން އަލީ ފަޒަލް ފެންނާނީ މީގެކުރިން އެކްޓަރު ދުވަހަކު ވެސް ފެނިފައި ނުވާނެ ކަހަލަ ވަރުގަދަ އެކްޝަން ރޯލަކުންނެވެ.

އެކްޓަރު އަލީ ފަޒަލް ވެބް ސީރީސް "މިރުޒާޕޫރް'ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

އަލީ ފަޒަލް މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ރިޕޯޓުތަކުން ބުނެފައި ވަނީ މި އަހަރުގެ މެދުތެރޭގައެވެ. އެކްޓަރު އަންނަނީ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ރާޖް އަދި ޑީކޭގެ ފެންޓަސީ ޑްރާމާ ސީރީސް "ރަކްތް ބްރަހްމާންޑް"ގައި މަސައްކަތް ކުރަމުންނެވެ.

އެކްޓުކުރުމުގެ އިތުރުން ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެކްޓަރު މިހާތަނަށް މި އަހަރު ތިން ފިލްމަކަށް ވަނީ ސޮއިކޮށްފައެވެ. އެއީ ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"، "ލާހޯރު 1947" އަދި "ތަގް ލައިފް"އެވެ.

މީގެއިތުރުން ފަޒަލްގެ ކެރިއަރުގެ ކާމިޔާބު ވެބް ސީރީސް "މިރުޒާޕޫރު"ގެ އާ ސީޒަނެއްގެ މަސައްކަތް ވެސް އޭނާ ވަރަށް އަވަހަށް ފަށާނެކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް