ބޭރު ދުނިޔޭގައި ބޮލީވުޑް ފިލްމުތަކަށް ލިބޭ ކާމިޔާބީގެ ފަހަތުގައި ހުރީ ޝާހު: ކަރަން

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޭރު ދުނިޔޭގެ ގައުމުތަކުގައި ބޮލީވުޑްގެ ފިލްމުތަކަށް ލިބޭ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް ހައްގުވާ ފަރާތަކީ އެކްޓަރު ޝާހްރުކް ޚާން ކަމަށް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ހޯސްޓު ކޯމަލް ނަހްތާގެ ޕޮޑްކާސްޓް ޝޯ "ގޭމް ޗޭންޖާސް"އަށް ކަރަން ދިން އިންޓަވިއުގައި ބުނެފައި ވަނީ އެކްޓަރަކަށް ވުރެ ބޮޑަށް ސަޕޯޓަރުންގެ މެދުގައި "ޝާހްރުކް" އެ ނަމަކީ ޖަޒުބާތީ އިހުސާސެއް ކަމަށެވެ.

ޝާހްރުކަށް ބޭރުގެ ޤައުމުތަކުގެ އޯޑިއަންސްގެ ފަރާތުން ލިބޭ ތަރުހީބަކީ ބޮލީވުޑްގެ ފިލްމުތަކަށް ލިބޭ ތަރުހީބުގެ ވަރަށް މުހިއްމު ބައެއް ކަމަށާއި އޭގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އިންޑިއާގެ ފިލްމުތައް ޕްރޮމޯޓުވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ހާއްސަކޮށް ބޭރު ޤައުމުތަކުގެ ކަރަންގެ ފިލްމަށް ލިބޭ ލޯތްބާއި ތަރުހީބުގެ އިތުރުން ކަރަންއަށް ބެލުންތެރިންގެ ފަރާތުން ލިބޭ އިހުތިރާމަކީ ޝާހްރުކްގެ ހިއްސާ އެކަމުގައި ވަރަށް ބޮޑު ކަމެއް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ޝާހްރުކް ޚާން ފިލްމު "ދިލްވާލޭ ދުލްހަނިއާ ލޭ ޖާއެނގޭ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

އެ ސިލްސިލާ ހަގީގަތުގައި ފެށުނީ ޝާހްރުކްގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ދިލްވާލޭ ދުލްހަނިއާ ލޭ ޖާއެނގޭ"އަށް ފަހު ކަމަށާއި ފިލްމު "ދިލް ތޯ ޕާގަލް ހޭ"އަށް ފަހު ޝާހްރުކްގެ މަޝްހޫރުކަން ބޭރު ޤައުމުތަކުގައި ވަރަށް ބޮޑަށް އިތުރުވި ކަމަށް ކާމިޔާބު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ކަރަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ"، "ކަލް ހޯ ނަ ހޯ" އަދި "ކަބީ ޚުޝީ ކަބީ ޣަމް"އަށް ޔޫރަޕްގެ ޤައުމުތަކުން ވެސް ބޮޑު އޯޑިއަންސެއް ލިބުނީ ޝާހްރުކްގެ ސަބަބުން ކަމަށާއި އެކަން މުޅި އުމުރަށް ވެސް ހަނދާން ހުންނާނެ ކަމަށް މިހާރު އުމުރުން 52 އަހަރުގެ ޕްރޮޑިއުސަރު ކަރަން ވަނީ ބުނެފައެވެ.

ފިލްމު "ކަބި އަލްވިދަ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން"އަށްފަހު ޝާހްރުކް އެންމެ ފަހުން މަސައްކަތްކުރި ކަރަންގެ ފިލްމަކީ 2016ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "އޭ ދިލް ހެ މުޝްކިލް"އެވެ.

comment ކޮމެންޓް