އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެއް ނަމަވެސް މިހާރަކަށް އައިސް ބައެއް ފިރިން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ އަނބިދަރީންނަށް ޚަރަދުކުރުމުގެ މައްޗަށެވެ.
އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާއެވެ. ޒަވާޖީ ހަޔާތުގެ ބައިވެރިޔަކީ އެއީއެވެ. މާތްﷲ ވަނީ އޭނާއަށް ނަފަގާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް އަމުރުކުރައްވައިފައެވެ.
ޚުތުބާގައި ބުނީ, ފިރިންނަކީ މާތްﷲ ވަރަށް މަތިވެރި އަމާނާތެއް ހަވާލުކޮށްފައިވާ ބައެއް ކަމަށާއި އޭނާއަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީން ކަމަށެވެ. އެގޮތުން, އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާއިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ނަމަވެސް, މިއަދު ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާކަން ކަމަށް ބުންޏެވެ. އެގޮތުން, ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންނާއި، ކޯޓު މެދުވެރިކޮށް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދު ނޫންކަން ފާހަގަކުރިއެވެ.
މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެއް. މި ކަންކަމާ ބެހޭ ގޮތުން ގިޔާމަތްދުވަހުން ސުވާލުކުރެވޭނެ. ވީމާ، މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، ﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ވަސިއްޔަތްކުރަން، ހުކުރު ޚުތުބާ
އެހެންނަމަވެސް ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާނަމަ އޭނާގެ އިޒުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެ ކަމަށާއި އެއީ ވައްކަމެއްނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ, ތިބާގެ އަނބިދަރިންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށްޓަކައި މަސައްކަތްކުރުމަކީ ﷲގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެކެވެ. ޚުތުބާގައި ވަނީ އެކަމުގެ މިސާލެއް ބަޔާންކޮށްފައެވެ.
އެގޮތުން އެއް ދުވަހަކު ކީރިތި ރަސޫލާގެ އަރިހުން ލައިފައި، ރޫފަ ހެޔޮ ޖާނުގައި ވަރު ހުރި ޒުވާނަކު ދިޔަ ވަގުތު، އެ މީހާ ﷲގެ މަގުގައި ޖިހާދުކުރާ ނަމަ ހާދަ ރަނގަޅުވީސް ކަމަށް ޞަޙާބީން ވިދާޅުވި ކަމަށް ޚުތުބާގައި ބުންނެވެ. އެ ހިނދު ކީރިތި ރަސޫލާ ޙަދީޘްކުރެއްވީ؛
އޭނާ ނުކުމެ އެ އުޅެނީ އޭނާގެ ޅަ ދަރީންނަށް ކާންބޯންދިނުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ ﷲގެ މަގުގައި ވާ މީހެކެވެ. އަދި އޭނާ ނުކުމެ އެ އުޅެނީ އޭނާގެ މުސްކުޅި މައިންބަފައިންނަށް ކާންބޯންދިނުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ ﷲގެ މަގުގައި ވާ މީހެކެވެ. އަދި އޭނާ ނުކުމެ އެ އުޅެނީ އޭނާގެ އަމިއްލަ ނަފުސު ސަލާންޖެހުމުން ޢިއްފަތްތެރިކުރުމަށް ޓަކައި މަސައްކަތްކުރުމަށް ނަމަ، ފަހެ އޭނާއަކީ ﷲގެ މަގުގައި ވާ މީހެކެވެ. އެހެނަސް އޭނާ ނުކުމެ އެ އުޅެނީ އޭނާގެ ދެއްކުންތެރިކަމުގެ ގޮތުންނާއި، ބޮޑާވެ ފަޚުރުވެރިވުމަށްޓަކައި ނަމަ އޭނާ އެ ވަނީ ޝައިޠާނާގެ މަގުގައެވެ. ކީރިތި ރަސޫލާގެ ޙަދީޘް
ޚުތުބާގައި ބުނީ އަނބިދަރިންނަށް ހޭދަކުރުމަކީ ގިނަގުނަ ޘަވާބާއި ދަރުމަހުރި ކަމެއް ކަމަށެވެ. އަދި މާތްﷲ އެންގެވި ގޮތުގެ މަތީން އެކަނލާނގެ މަގުގައި ހޭދަކުރުމަކުން ތިބާއަށް އެއްވެސް ގެއްލުމެއްނެތް ކަމަށާއޮ މާތްﷲ އެކަމަށް ބަދަލުދެއްވައި ތިބާގެ ތަނަވަސްކަން އިތުރުކޮށްދެއްވާނެ ކަމަށް ބުންޏެވެ.
އިސްލާމީ ޝަރީއަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތްﷲ ވާޖިބުކުރައްވައިފައިވާ ކަމެކެވެ. އެހެންކަމުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެއެވެ. އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ޖެހޭނެއެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ.