އަބީޝެކް، ނިމްރަތުއާ އެކު ލޯބީގެ ގުޅުމެއް ބޭއްވިކަމުގެ އަޑުތަކެއް

ބަތަލާ ނިމްރަތު އަދި އަބީޝެކްގެ ދެމަފިރިން--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމީ އާއިލާ ބައްޗަން އާއިލާއަށް ނިސްބަތްވާ އަބީޝެކް ބައްޗަނާއި ބަތަލާ ނިމްރަތު ކައުރުގެ ލޯބީގެ ގުޅުމެއް އޮތްކަމަށް އިންޑިއާގެ ވަރަށް ގިނަ މީޑިއާތަކުން ތުހުމަތުކޮށްފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ވަރަށް ގިނަ ނޫސްތަކުގައި މި ޚަބަރު ޝާއިއުކޮށްފައިވާއިރު ނިމްރަތުއާއި އަބީޝެކްގެ އެކުވެރިކަން ބަދަހިވެ ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ފިލްމު "ދާސްވީ"ގެ ޝޫޓިންގްތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް މިކަމާ ގުޅިގެން މިއިން އެއްވެސް ފިލްމީ ތަރިއެއްގެ ފަރާތުން ރަސްމީކޮށް ވާހަކަދައްކާފައިނުވާއިރު އިންޓަނެޓުގައި ނިމްރަތުއާއި އަބީޝެކްއަށް އަމާޒުކޮށް ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އަބީޝެކް އާއި ބަތަލާ ނިމްރަތު ފިލްމު "ދާސްވީ"ގެ ޕްރޮމޯޝަން ހަފްލާއެއްގައި--ފޮޓޯ/ފިލްމުފެއަ

މި ދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ނޫސްތަކުގައި ލިޔަމުން އަންނައިރު ފިލްމު "ދާސްވީ"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި ނިމްރަތު ކައިވެންޏާ ބެހޭގޮތުން ފާޅުކޮށްފައިވާ ޚިޔާލުތައް ވެސް ބައެއް ނޫސްތަކުން އަންނަނީ ޝާއިއުކުރަމުންނެވެ.

ނިމްރަތު ބުނެފައިވާ ގޮތުގައި އެއްވެސް ކައިވެންޏަކީ އުމުރު ދުވަހަށް ދެމި އޮންނާނެ ގުޅުމެއް ނޫނެވެ. ނިމްރަތުގެ މި ޚިޔާލަށް ރައްދު ދެމުން އަބީޝެކް ވަނީ މި އިންޓަވިއުގައި ބަތަލާގެ ޚިޔާލު ބަލައިގަތް ކަމަށް ބުނެ ޝުކުރު އަދާކޮށްފައެވެ.

މި ޚަބަރުތަކާ ގުޅިގެން އިންޓަނެޓުގައި ގިނަ ބައެއްގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރިއަށްދާއިރު ވަރަށް ގިނަ ބަޔަކު ވަނީ ބަތަލާ އައިޝްވާރިއާއަށް ހަމްދަރުދީވާ ކަމަށް ބުނެފައެވެ.

އައިޝްވާރިއާ ފަދަ ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭ ހިމެނޭ މީހަކަށް ލޯބީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު އެންމެ އާދައިގެ މީހަކަށް ލޯބީގައި ކާމިޔާބު ލިބޭނެކަމަށް އުއްމީދުކުރުމަކީ މޮޔަކަމެއްގެ ގޮތުގައި އެއްބަޔަކު ވަނީ ސިފަކޮށްފައެވެ.

އައިޝްވާރިއާގެ ދެމަފިރިންގެ ކައިވެނީގައި މައްސަލަޖެހި މިހާރު ދަރިފުޅު އަރާދިޔާއާ އެކު ބަތަލާ ދިރިއުޅެމުން އަންނަނީ އަބީޝެކާ ވަކިން އެހެން ގެއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ބައްޗަން އާއިލާއާ އެކު ފިލްމީ ހަފުލާތަކުންނާއި އެވޯޑު ޝޯތަކުން އައިޝްވާރިއާ ފެނުނު ނަމަވެސް ފަހަކަށް އައިސް ބަތަލާ އެފަދަ ހަފުލާތަކަށް ގޮސްފައިވަނީ ދަރިފުޅު އަރާދިއާއާ އެކު ބައްޗަން އާއިލާއާ ވަކިންނެވެ.

comment ކޮމެންޓް