ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން މިއަދު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ މިއީ އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނާ ހިއްސާކޮށް، ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރި ހިދުމަތެއް ކަމަށެވެ.
މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ސަބަބުން ގިނަ ބަޔަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އުމްރާވެރިންނާ ގުޅުން ބޭއްވުމަކީ އާއިލާތަކަށް ވަރަށް މުހިންމު ކަމަކަށް ވާއިރު، މުވާސަލާތީ ގޮތުން މިފަދަ ލުޔެއް ލިބުމަކީ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް ދިރާގުން ދެކެއެވެ.
މި ހާއްސަ އޮފާގެ ދަށުން ސައުދީ އަރަބިއްޔާއަށް ގުޅުމަށް ކޮންމެ ކަސްޓަމަރަކަށްވެސް ހިލޭ 30 މިނިޓު ލިބޭނެއެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި ހިލޭ މިނިޓުތައް ހޯދުމަށް ކަސްޓަމަރުން ގުޅަންޖެހޭނީ #225* އަށެވެ. މި ކޯޑު ޖެހުމާއެކު ފަސޭހަކަމާއެކު މިނިޓުތައް އެކްޓިވޭޓް ކުރެވޭނެއެވެ.
މި އޮފާ އެކްޓިވޭޓް ކުރެވޭނީ މިއަދުގެ ނިޔަލަށެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް މި ހިލޭ މިނިޓުތައް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އެހެންކަމުން، އީދު ބަންދުގެ ތެރޭގައި އާއިލާގެ މެންބަރުންނާ ދިގުކޮށް ވާހަކަދައްކާލުމުގެ ފުރުސަތު މި އޮފާގެ ދަށުން ފަހިވެގެންދާނެއެވެ.
ދިރާގުން އަންނަނީ ރާއްޖޭގައި ފާހަގަކުރާ މިފަދަ ހާއްސަ މުނާސަބަތުތަކާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަވާނެ ގިނަ ހިދުމަތްތަކާއި ޕްރޮމޯޝަންތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ. އެގޮތުން ރޯދަ މަހާއި އީދާ ގުޅިގެންވެސް ތަފާތު އެކި ޕެކޭޖުތަކާއި ހަދިޔާތައް އެ ކުންފުނިން ކަސްޓަމަރުންނަށް ދީފައިވެއެވެ.