ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ އަންނަ އަހަރު 25 އަހަރު ފުރޭ ބަތަލާ ކަރީނާ ކަޕޫރުގެ ޝައުގުވެރިކަން ހުރީ ހޮލީވުޑުގް ފިލްމުތަކަކަށް ނޫން ކަމަށާއި ބޭނުން ވަނީ ކޮރެއަން ޑްރާމާއަކުން ފުރުސަތު ހޯދުމަށް ކަމަށް ކަރީނާ ބުނެފިއެވެ.
ދާދި ފަހުން ކަރީނާއަށް ތާއީދުކުރާ ބަތަލާގެ ފޭނުންނާ އެކު ކުރިއަށް ދިޔަ ބަހުސެއްގައި މީހަކު ކަރީނާ ގާތު ވަނީ ކޮރެއަން ޑްރާމާއަކުން ފުރުސަތު ލިބިއްޖެނަމަ ގަބޫލު ކުރާނެތޯ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބުދެމުން ބަތަލާ ބުނީ, ކޮރެއަން ޑްރާމާއަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޑްރާމާތަކެއް ކަމަށާއި ފުރުސަތު ލިބިއްޖެނަމަ ކޮރެއަން ޑްރާމާއެއްގެ މަސައްކަތް ތަޖުރިބާކޮށްލުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

ބަތަލާ ކަރީނާ ނިއުސްކޮންފަރެންސެއްގައި ބައިވެރިވަނީ--ފޮޓޯ/ފިލްމުފެއަ
އިންޑިއާގެ ސިނަމާއަކީ އެ ޤައުމުގެ އާދަކާދައާއި ސަޤާފަތް ވަރަށް ބޮޑަށް ބިނާވެފައިވާ އިންޑަސްޓްރީއެއް ކަމަށާއި އިންޑިއާގެ ފިލްމުތައް އެހެން ޤައުމުތަކުގެ ބަހުރުވައިން ގެނެސްދޭތީ އެކަމާ އުފާކުރާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
ކޮރެއަން ފިލްމުތަކުގެ އިތުރުން ޔޫރަޕްގެ އެހެން ޤައުމުތައް ކަމަށްވާ ފްރާންސް ބަހުން އުފައްދާފައިވާ ފިލްމުތައް ވެސް ކަރީނާއަށް ވަރަށް ކަމުދާ ކަމަށް މި ބަހުސްގައި ވަނީ ބުނެފައެވެ.
އެހެންކަމުން ކުރިއަށް އޮތްތަނުގައި ކޮރެއަން ޑްރާމާއަކުން ފެނިދާނެ ކަމަށާއި އެފަދަ ފުރުސަތަކަށް އިންތިޒާރުކުރާ ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
ކަރީނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ދަ ބަކިންގްހަމް މާޑާސް"އިންނެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް އަގެއިން"އިން ކަރީނާ މުހިއްމު ރޯލަކުން ފެންނާނެއިރު މިއީ ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.