ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރު ސޮއިކޮށްފައިވާ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖްގެ ފިލްމުގެ ބަތަލާއަކަށް ތުރިޕްތީ ދިމްރީ ހަމަޖައްސައިފިއެވެ.
ރަސްމީކޮށް އަދި ނަން އިއުލާނު ނުކުރާ މި ފިލްމުގައި ޝާހިދު ފެންނާނީ ވަރަށް ވަރުގަދަ ގޭންގްސްޓާރެއްގެ ރޯލުންނެވެ. މި އަހަރުގެ ޑިސެމްބަރު މަހު ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މިއީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރަންގޫން"އަށް ފަހު ޝާހިދު އާއި ވިޝާލް އެކީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
ޝާހިދާ އެކު ބަތަލާ ތުރިޕްތީ މި ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއްގައި ފުރިހަމަ ކުރަމުން އަންނަ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި ޝާހިދު ކުޅޭނީ އިންޑިއާގެ މަޝްހޫރު ގޭންގްސްޓާއެއް ކަމަށްވާ ހުސެއިން އުސްތާރާގެ ރޯލެވެ.
ޝާހިދާއި ތުރިޕްތީ ފުރިހަމަކުރަމުން އަންނަ ތަމްރީނުތައް ޚާއްސަ ކުރެވިފައިވަނީ ވެސް ގޭންގްސްޓާ ހުސެއިން އުސްތާރާގެ އާދަކާދަތައް ވީހާވެސް އެއްގޮތް ކަހަލަ ގޮތަކަށް ގެނެސްދިނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމުގައި ތުރިޕްތީ ކުޅޭ ރޯލާ ގުޅޭގޮތުން މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނެތް ނަމަވެސް ޝާހިދުގެ ކެރެކްޓާއާ އެއްވަރަށް ތުރިޕްތީގެ ރޯލް ވެސް ފިލްމަށް ވަރަށް މުހިއްމު ކަމަށް މި ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ވަނީ މައުލޫމާތު ދީފައެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ބަތަލާ ތުރިޕްތީއަކީ މި ފަހަކަށް އައިސް ފިލްމު ޕްރޮޑިއުސަރުންގެ މެދުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ އެއް ބަތަލާއެވެ.
މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ވިކީ ވިދިޔާ ކާ ވޯ ވާލާ ވީޑިއޯ"ގެ ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ބޫލް ބުލައްޔާ 3"އިންނެވެ.