ސިނަމާލޭ ބުރިޖު ކައިރިއަށް މިއަދު ޕިކަޕަކުން ކުލަފާޓާތަކެއް ވެއްޓި، މަގުމައްޗަށް އެޅުނު ކުލަ ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
ބޮޑުތަކުރުފާނު މަގުން ބުރިޖަށް އަރާ ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕަކުން ކުލަފާޓާތަކެއް ވެއްޓި، މަގުމައްޗަށް ކުލަ ފައިބައިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ އެފަދަ މައްސަލައެއް މިއަދު 12:18ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޕިކަޕަކުން ކުލަފާޓާތަކެއް ވެއްޓުނު ސަރަހައްދު އެމްއެންޑީއެފުން ސާފުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށްފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ފަހުން އެމްއެންޑީއެފުން ވަނީ ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ކުލަ ފާޓާތަކެއް ވެއްޓި، މަގުމައްޗަށް އޮހުނު ކުލަތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އޭގެ ކުރިން އެ ސަރަހައްދުގައި ޓްރެފިކް ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.