ބާރަށުގައި ޓޫރިސްޓު ހޮޓަލެއް އަޅަން ހުޅުވާލައިފި

ހއ. ބާރަށް: އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން އެ ރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލާފައި --

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހއ. ބާރަށުގައި އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަދު މިކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައި، މައުލޫމާތު ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އަބްރާހީމް ޝުޖާއުގެ އިތުރުން ޒޫމް މެދުވެރިކޮށް އެ ރަށު ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ މިނިސްޓްރީން ބުނީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިޔާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ހުޅުވާލެވުނު ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންނަ ހަފުތާގެ ހޯމަ ދުވަހުގެ 11:00 ގައި ވާޗުއަލްކޮށް، ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޑިސެންބަރުމަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ޑިސެންބަރުމަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ މިނިސްޓްރީގެ އީމެއިލްއަށް މެއިލް ކުރައްވައިގެން ސާފުކުރެއްވޭނެ ކަމަށެވެ.

މީގެ އިތުރުން ބީލަން ހުށަހަޅަން ބޭނުންވާ މީހުން، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ލިބޭނީ މާދަމާއިން ފެށިގެން ޑިސެމްބަރު ހަތަރުވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ދުވަސް ދުވަހު ރަސްމީ ވަގުތުތަކުގައި، ވެލާނާ ގޭގެ ފަސްވަނަ ފަންގިފިލާގައި ހިންގާ ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.

comment ކޮމެންޓް