ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، މިއަދު ސަމޯއާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ ދަތުރުފުޅުގައި އެ މަނިކުފާނު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވަވާނެ ކަމަށެވެ.
އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ފެންވަރެއްގައި އިގުތިޞާދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް، ވިލުންތެރިކަމާއި، ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ގައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.
މި އަހަރުގެ ބައްދަލުވުން ވާނީ، އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29)ގެ ކުރިން، ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މެންބަރު ގައުމުތަކަށް ލިބޭ މުހިންމު ފުރުސަތަކަށެވެ.
މިދިޔަ މެއި މަހު ބާބިއުޑާގައި ބޭއްވި ސިޑްސް ކޮންފަރެންސްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ޕެޓްރީޝިއާ ބައްދަލުުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ކޮމަންވެލްތުން ސިޑްސްއަށް އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އިތުރަށް ފުޅާކުރުމަށް އެދިވަޑައިގެންފައެވެ.