އުމުރުން 35 އަހަރުގެ މީހަކު 61 ވަނަ ފަހަރަށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި އަނެއްކާ ވެސް ހައްޔަރުކުރި އެ މީހާއަކީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ މި މައްސަލައިގައި ހައްޔަރުކުރީ މި މަހު 13 ވަނަ ދުވަހުއެވެ.
ފުލުހުން 'ސަން'އަށް ބުނީ، އެ މީހާ ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަވާދު ދަޅުތަކެއް ގެންގުޅުނުކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މީހާގެ ކުށުގެ ރިކޯޑު އޮންނައިރު، މީގެ ކުރިން ވެސް އެކިއެކި ކުށްތަކުގައި 60 ފަހަރަށް ބަންދުކޮށްފައިވާކަން ކޯޓު އަމުރުން އެނގެއެވެ. އޭގެ ތެރެއިން 22 ފަހަރު މުއްދަތު ވެސް ޖަހާފައިވެއެވެ.
އޭނާ މި މަހު 13 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު ބަންދަށް ފުރަތަމަ ޖަހާފައިވަނީ ފަސް ދުވަހުއެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވެސް އެ މީހާ ވަނީ ޝަރުތުތަކެއް ކޮށްފައި ދޫކޮށްލަން އެދިފައެވެ.
އެކަމަކު، އެ މީހާގެ ކުށުގެ ރިކޯޑެއް އޮތުމުންނާއި ކުށެއްގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާތީ ގާޒީ ނިންމެވީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހާށެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަށެވެ.