ރާއްޖޭން ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅި (ޕެޓް)ގެ ބޭލްޑް ކޮންޓެއިނަރެއް އެކްސްޕޯޓުކޮށްފިއެވެ.
ދުނިޔޭގެ ސާފުކުރުމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަރަކާތެއްގައި ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް) އިން ޚަރަދުކޮށްގެން، ޕިކަޕާއި ބެލާ ހިމެނޭ ސާމާނު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފައިވެއެވެ.
ޓީސީސީއެފްގެ ޚަރަދުގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަދި ވެމްކޯ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ ޕެޓް ފުޅި އެއްކުރުން ހަރުދަނާކޮށް، ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
މިކަމާ ގުޅުވައި، މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ، މި ހަރަކާތަކީ ޕްލާސްޓިކް ކުންޏާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭން ވަނީ ފުރަތަމަ ފަހަރަށް ޕްލާސްޓިކް ފުޅި ކޮންޓެނިއަރެއް އެކްސްޕޯޓުކޮށްފައި --- ސަން ފޮޓޯ/ އިސްމާއިލް އަބްދުލް ޣަފޫރު
"މުޖުތަމައުތަކަށް ތައުލީމު ދިނުމާއި ވެމްކޯ ފަދަ ގައުމީ ބައިވެރިންނާ ގުޅިގެން ކުނި މެނޭޖްކުރާ ގޮތް ރަނގަޅު ކުރުމުގެ އިތުރުން، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ތިމާވެށީގެ ރައްކާތެރިކަމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް," އޭނާ ވިދާޅުވިއެވެ.
މި ހަރަކާތުގައި ބޮޑަށް އަލިއަޅުވާލަނީ ޕްލާސްޓިކް ފުޅި އެއްކުރުމުގެ ނިޒާމުތައް ފުޅާކުރުމަށާއި ރީސައިކަލް ކުރުން ހަރުދަނާކޮށް ތަރައްގީ ކުރެވެންދެން މުޅި ރާއްޖޭގައި ފުޅި އެއްކުރެވޭ މިންވަރު ރަނގަޅުކުރުމަށެވެ.
އެގޮތުން، މި ހަރަކާތުގެ ދަށުން ރީސައިކަލް ކުރުމަށް ބޭނުންކޮށްފައި ހުންނަ ފުޅި މެލޭޝިއާއާއި ޗައިނާއަށް އެކްސްޕޯޓް ކުރާނެއެވެ.
ޓީސީސީއެފްގެ ޚަރަދުގައި ހިންގާ އައިލެންޑް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ މަގުސަދަކީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރުމަށް މުޅި ރާއްޖެއަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމަށް ބޭނުންވާ އާލާތްތަކާއި ނިޒާމުތައް ގާއިމް ކުރުމެވެ.