މީހަކު ވައްކަން ކުރަން އުޅެނިކޮށް ބަޔަކަށް ފެނިގެން ހިފެހެއްޓުމުން، އުޅުނީ ޖެހިގެން ހުރި ގޭގެ ފުރާޅު ޓިނު ރަނގަޅުކުރަން ކަމަށް އެ މީހާ ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން މި ހާދިސާ ހިނގި ސަރަހައްދަށް ދިޔައީ ވައްކަން ކުރަން އުޅުނު މީހަކު ހިފަހައްޓައިގެން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އެ މީހާ ހުއްޓުވި މީހުން ސުވާލުކުރުމުން، އުޅުނީ ޖެހިގެން ހުރި ގޭގެ ފުރާޅު ޓިނު ރަނގަޅުކުރަން ކަމަށް އެ މީހާ ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ. އެކަމަކު، ފުލުހުން ސުވާލުކުރުމުން އެ މީހާ ދިނީ މުޅިން އެހެން ޖަވާބެއް ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ ގޮތުން، ފުލުހުން ސުވާލުކުރުމުން ފުރާޅުމައްޗަށް ފޯނު ވެއްޓިގެން އުޅުނީ ކަމަށް އެ މީހާ ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ ކުށުގެ ރިކޯޑު ވެސް އޮތް މީހެކެވެ. އެ ގޮތުން، މީގެ ކުރިން އެކި ކުށްތަކުގެ ތުހުމަތުގައި 24 ފަހަރު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރެއިން 15 ފަހަރު ބަންދުގެ މުއްދަތު ވެސް ޖަހާފައިވެއެވެ.
އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.