ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު ލީޑްރޯލް ކުޅެން ހަމަޖެހިފައިވާ ފިލްމު "ދޫމް 4"ގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީއާއި ޝަރުވަރީ ވާގް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކިއާރާއާއި ޝަރުވަރީ "ދޫމް 4"އަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ދެ ބަތަލާއިން ވެސް އަންނަނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން އުފައްދާ ދެ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ. އެއީ، ކިއާރާ މުހިއްމު ރޯލެއް ކުޅޭ ފިލްމު "ވޯ 2" އަދި ބަތަލާ އާލިއާއާ އެކު ޝަރުވަރީ ކުޅޭ ފިލްމު "އަލްފާ"އެވެ.
މި ދެ ބަތަލާއިން "ދޫމް 4"އަށް ގެންނަން އުޅޭކަމުގެ ޚަބަރުތައް ފެތުރިފައިވާއިރު ބަތަލާ ޝްރައްދާ ކަޕޫރު ވެސް މި ފިލްމަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައިވާ ގޮތުގައި "ދޫމް 4"ގައި ދެ ބަތަލާއިންކުރެ އެކަކު ފުލުހެއްގެ ރޯލް ކުޅޭއިރު އަނެއް ބަތަލާ ފެންނާނީ ނުބައިބައި ރޯލަކުންނެވެ.
ރަންބީރު ކަޕޫރު "ދޫމް 4"ގެ ލީޑް ރޯލުން ފެންނާނެކަމުގެ ޚަބަރުތައް ދުވަސްކޮޅެއް ފެތުރިފައިވީ ނަމަވެސް މިހާތަނަށް ޔަޝް ރާޖް ކުންފުނިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ކިއާރާއާއި ޝަރުވަރީ ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭއިރު މި ދެ ތަރިން ވެސް މިހާތަނަށް ރަންބީރާ އެކު މަސައްކަތްކޮށްފައެއް ނުވެއެވެ.
އަންނަ އަހަރު ފިލްމު "ދޫމް 4"ގެ މަސައްކަތް ފަށަން ވައިއާރްއެފްއިން ތައްޔާރުވަމުން އަންނައިރު، ހަތަރުވަނަ ބައި ގެނެސްދޭން ނިންމާފައިވަނީ ކުރީގެ ދެ ފިލްމަށް ވުރެ މާ ވަރުގަދަކޮށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.