ފުރަތަމަ ހައްޖު އުމްރާ ކޮންފަރެންސް: ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހި ހައްޖުވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި ހައްޖާއި އުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ބާއްވާ ފުރަތަމަ 'ހައްޖު އުމްރާ ކޮންފަރެންސް' ގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވައިލައިފިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31ވަނަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ކޮންފަރެންސްގެ މަޤުސަދަކީ ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ހައްޖާއި އުމްރާގެ ޚިދުމަތް ދެމުން އަންނަ ކުންފުނިތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިއީ ޙައްޖާ ޢުމްރާގެ ނިޒާމު ހަރުދަނާކުރުމަށް އެވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކޮންފަރެންސްއެއްކަން ފާހަގަކޮށްލެވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ އުމްރާއަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ 60އަށް ވުރެ ގިނަ ޖަމާއަތްތަކަށް ކޮންފަރެންސަށް ދައުވަތު ދީފައިވާކަމަށް ވިދާޅުވެފައެވެ.

އަދި އެކަންކަމާ ގުޅޭ އާ ރެގިއުލޭޝަންތަކެއް ސައުދީ އަރަބިއާގައި ގެޒެޓުކޮށްފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، އެ ރެގިއުލޭޝަންތަކަށް ހޭލުންތެރިކުރުން މި ކޮންފަރެންސްގައި ކުރިއަށް ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

https://sun.mv/197669

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މަހާސިންތާތަކެއް ބާއްވަމުންނެވެ.

އެގޮތުން ވުޒާރާއިން ވަނީ މިހާތަނަށް ޢިލްމުވެރިންގެ މަހާސިންތާ, ޖަމްޢިއްޔާ މަހާސިންތާ, ޢިމާމުންގެ މަހާސިންތާ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް