ހައްޖާއި އުމްރާއާ ބެހޭ ފުރަތަމަ ކޮންފަރެންސް މިމަހުގެ 31ގައި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު: ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި އުމްރާއާ ބެހޭ ކޮންފަރެންސް މި މަހު 31ގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފުރަތަމަ ފަހަރަށް ޙައްޖާއި އުމްރާއާ ގުޅޭ ކޮންފަރެންސެއް މި މަހުގެ 31ގައި ބާއްވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މި ކޮންފަރެންސްއާ ގުޅުން ހުރި ތަފުސީލުތައް 'ސަން' އާ ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އުމްރާއަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ 60އަށް ވުރެ ގިނަ ޖަމާއަތްތަކަށް ކޮންފަރެންސަށް ދައުވަތު ދީފައިވާ ކަމަށެވެ.

އެކަންކަމާ ގުޅޭ އާ ރެގިއުލޭޝަންތަކެއް ސައުދީ އަރަބިއާގައި ގެޒެޓުކޮށްފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ރެގިއުލޭޝަންތަކަށް ހޭލުންތެރިކުރުން މި ކޮންފަރެންސްގައި ކުރިއަށް ދާނެ ކަމަށެވެ.

އަދި، ރާއްޖޭގައި ހައްޖާއި އުމްރާއާ ގުޅޭ ގޮތުން މިހާތަނަށް ހެދިފައި ހުރި ގަވާއިދުތަކަށް އިސްލާހުތައް ގެނައުމަށް މަޝްވަރާ ވެސް މި ކޮންފަރެންސްގައި ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ގުރޫޕްތަކަށް ދިމާވާ ދަތިތަތަކާއި އެކޮޅުގައި މީހުން ގޮވައިގެން ގޮސް އުޅޭއިރު ވެސް މީހުން ބަލިވެ، އެކަހަލަ ހާލަތެއް މެދުވެރިވާއިރުގައި އަމަލުކުރަން ޖެހޭނެ ގޮތާއި ހުރިހާ ކަމަކާ ގުޅޭ ގޮތުން މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެއިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

އުންމީދު ކުރަނީ މި ކޮންފެރެންސްގެ ސަބަބުން އެ ދާއިރާގައި ހުރި ދަތިތައް ހައްލު ކުރަން ގިނަ ޚިޔާލާއި މަޝްވަރާތައް ލިބުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

https://sun.mv/197004

އިސްލާމިކް މިނިސްޓްރީން މިއަހަރު ވަނީ އިމާމުންނާއި އިލްމުވެރިންނާއި ޖަމިއްޔާތަކުގެ ކޮންފަރެންސް ވެސް ބާއްވާފައެވެ.

ދާއިރާތަކުން ހައްލު ކުރަން ބޭނުންވާ ކަންތައްތަކަށް ގިނަ ޚިޔާލުތަކެއް އެ ކޮންފަރެންސުން ލިބުނު ކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް