ރައީސްގެ މޭޔަރުކަމުގައި ބުޅަލުގެ މައްސަލަ ހައްލުނުވީ ކުރީ ސަރުކާރުން ބިން ނުދިނުމުން: ނަރީޝް

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރައީސް މުއިއްޒާއެކު: ރައީސްގެ މޭޔަރުކަމުގައި ބުޅަލުގެ މައްސަލަ ހައްލުނުވީ ކުރީ ސަރުކާރުން ބިން ނުދިނުމުން ކަމަށް ނަރީޝް ވިދާޅުވި -- ފޮޓޯ/ ސިޓީ ކައުންސިލް

ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ބުޅަލުގެ މައްސަލަ ހައްލުނުވީ ކުރީ ސަރުކާރުން ބިންނުދީ ހިފެހެއްޓުމުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް ނަމަވެސް، އެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މައްސަކަތްތައް ފެށުނީ ރައީސްގެ މޭޔަރުކަމުގައި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދޭންޖެހޭ ބިން ނުދީ ހިފެހެއްޓުމުން ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ރައީސްކަމަށް އިންތިޚާބުވުމާއެކު ފުރަތަމަ އަހަރުތެރޭ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާ ހަވާލުކޮށްގެން މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ސަރުކާރުން ހުޅުމާލެއިން ފަހިކޮށްދިން ބިމުގައި މިހާރު ކެޓް ޝެލްޓާއެއް ބިނާކޮށް ނިމި، އަންނަ މަހުގެ ކުރީކޮޅު ހުޅުވަން ތައްޔާރުވެފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މާލޭގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ހައްގު ޝުކުރު ރައީސް މުއިއްޒަށް ދަންނަވަން!" ނަރީޝް ވިދާޅުވިއެވެ.

ހުޅުމާލޭ ފަރުކޮޅުފުށީގައި އަޅާ ކެޓް ޝެލްޓާއަށް، މާލޭގައި އުޅޭ ބުޅާތައް އަންނަ މަހު ގެންދަން ފެށޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އޭރު އާޒިމް ވިދާޅުވީ ފެސިލިޓީގެ އިމާރާތުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ނަމަވެސް ކައުންސިލުން ބޭނުންވަނީ އެތަނަށް ގެންދާ ބުޅާތައް އެއް ތަނެެއްގައި ބަހައްޓައިގެން މޮނިޓާ ކުރުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5،000 އަކަފޫޓުގެ ބިމެއްގައެވެ. އެ ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރާނެއެވެ. މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.

comment ކޮމެންޓް