މަޖީދީމަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ވަގުތީ ގޮތުން ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވާ ގޮތުގައި މި ބަދަލު ގެންނަނީ މި މަހު ހަޔަކުން، ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.
ބަދަލު ގެންނަނީ މަޖީދީމަގާއި، ޗާންދަނީމަގާއި ރަށްދެބައިމަގު ހިމެނޭ ސަރަހައްދަށެވެ.
މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބައެއް މަސައްކަތްތައް ކުރަމުން އަންނައިރު، މަޖީދީމަގަކީ އާންމުކޮށް ފެންބޮޑުވާ ބޮޑެތި މަގުތަކުގެ ތެރެއިން ހިމެނޭ މަގެކެވެ.
މި ފަހުން އެ ކައުންސިލުން ވަނީ އަގޯރާ ހިމެނޭ ސަރަހައްދުން މަޖީދީ މަގު މަރާމާތުކޮށް ޗާންދަނީ މަގާ ދިމާއިން މަގު އުސްކޮށްފައެވެ.
ސިޓީ ކައުންސިލުން ވަނީ ޓްރެފިކް ފްލޯއަށް މި ގެނެވޭ ބަދަލުގެ ސަބަބުން ދިމާވެދާނޭ ދަތިތަކަށް އާންމުންގެ ކިބައިން މައާފަށް އެދިފައެވެ.