ނަބީހަކީ ރަށު އެންމެންގެ ރަހުމަތްތެރިއެއް، މަރާއެކު އަލިފުށްޓަށް ފުން ހިތާމައެއް

މަސްބާނަން ފައިބާ އުޅުމުގެ ތެރޭގައި މަރުވި ނަބީހް --

"ރަށުގައި މިކަހަލަ ގޮތަކަށް މީހަކު މަރުވެގެން މީހުން އެއްނުވާވަރަށް އިއްޔެ މީހުން އެއްވި. ނަބީހަކީ ރަށު އެންމެންނާ ވެސް ގުޅޭ މަޖާ ކުއްޖެއް. އެހީތެރިވާނެ ވަރަށް މީހުންނަށް، ރައްޓެހިވާނެ އެންމެންނާ،" އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

ރ. އަލިފުށި ކަނޑުއޮޅި ކައިރިއަށް މަސްހިފަން އިއްޔެ ތިން ޒުވާނުން މޫދަށް ފޭބިއިރު، މިއީ އެމީހުންނަށް އާކަމެއް ނޫނެވެ. މިއީ ރަށުގައި އާންމުކޮށް ވެސް ޑައިވްކޮށް މަސްހިފާ އުޅޭ ޒުވާނުންނެވެ. ނަމަވެސް، މުޅި އަލިފުއްޓަށް ސިހުން ގެނުވީ މަސްހިފަން ފޭބި މީހުންގެ ތެރޭގައި ހިމެނޭ ނަބީހު ހުސައިންގެ މަރުގެ ޚަބަރާ ގުޅިގެންނެވެ.

މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން ނަބީހުގެ އާއިލާ މީހަކު ބުނީ، އޭނާ އަކީ އަބަދު ވެސް ޑައިވްކޮށް އުޅޭ ޒުވާނެއް ކަމަށެވެ. އަދި އިއްޔެ މަސްހިފަން ދިޔައީ އެއްބަނޑުއެއްބަފާ ކުއްޖަކާއި ރަހުމަތްތެރިއަކާ އެކު ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގައި ހަމަ އެންމެ ޓޮޕްކޮށް ޑައިވްކުރާ ކުއްޖެއް އޭނާއަކީ، އަބަދު ވެސް ފްރީ ޑައިވް ކުރާނެ،" އޭނާ ބުންޏެވެ.

ނަބީހާއެކު މަސްހިފަން ފޭބި ޒުވާނުންނަށް ކަމެއް ގޯސްކަން އެނގުނީ އެމީހުން މައްޗަށް އެރިއިރު ނަބީހު ނޭރުމުންނެވެ. މި ނޫހާ ވާހަކަދެއްކި މީހާ ބުނިގޮތުގައި އެމީހުން މައްޗަށް އެރުމަށް ފަހު ނަބީހު ނެތްކަން އެނގިގެން ހޯދިއިރު ނަބީހު އަޑިއަށްދާ މަންޒަރު ފެނެއެވެ.

"އެމީހުންނަށް ފެނުނު އަޑިއަށް ދާތަން އެކަމަކު އެމީހުންނަށް އަތު ނުވީ. އެގަޑީ ވީގޮތަކީ ވަރަށް އޮއެ ބާރުވީމަ އަތުވާގޮތް ނުވީ. އެމީހުންނަށް ވެސް [ޑައިވް ކުރުމަށް ބޭނުންކުރާ] އެއްޗެއް ނާޅާ ނެގޭވަރަށް ވުރެ މާ އަޑީގަ އޭރު އޮތީ،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ނަބީހު އަޑިއަށް ދިޔައީ މަސްހިފުމަށް ގައިގައި ބަނދެފައި އޮތް ބަރީގެ ސަބަބުންނެވެ. އޭނާ ލަފާކުރާގޮތުގައި އެ ބަރީގައި އަށް ކިލޯވަރު ހުންނާނެއެވެ.

"އެހެންވީމަ އެހާ ފަސޭހައިން އަޑިއަށް ދިޔައީ. އެ އަޅުވަނީ އަސްލު މަހުގެ މޫވްމަންޓު ބަލައިގެން ހަމަޖެހިލައިގެން އޮވެގެން މަސް ހިފަން ވެގެން. އޭގަ ހުރޭ މެޝަމެންޓްސް ތަކެއް. އެއަށްވުރެ ތަންކޮޅެއް މަތިކޮށް އަޅުވާފައި ހުރީ،" އޭނާ ކިޔައިދިނެވެ.

ނަބީހުގެ އާއިލާގައި ފަސް ކުދިން ތިބެއެވެ. އޭނާ އަކީ ތިންވަނަ ކުއްޖާއެވެ. އޭނާ މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

މި ނޫހާ ވާހަކަދެއްކި މީހާ ބުނިގޮތުގައި ނަބީހަކީ އަޚުލާގު ރަނގަޅު ކުއްޖެކެވެ. މިޒާޖުގެ ގޮތުން އެންމެންނާ ގުޅޭއިރު، މީހުން އޭނާ ސިފަކުރަނީ ވަރަށް އެހީތެރި ޒުވާނެއްގެ ގޮތުގައެވެ.

އޭނާގެ މަރުގެ ޚަބަރާއެކު މިވަގުތު މުޅި އަލިފުށި އޮތީ ހިތާމައިގައެވެ.

comment ކޮމެންޓް