މުޅި ދުނިޔެއިން ކޮލެރާ ވެކްސިން ހުސްވެއްޖެ: ޑަބްލިޔުއެޗްއޯ

ކޮލެރާ ބަލި ހުރިތޯ ދެނެގަތުމަށް ސޫރިއާގައި ހުންނަ ސެންޓަރެއްގައި މަސައްކަތްކުރަނީ. ކޮލެރާ ވެކްސިން މުޅި ދުނިޔެއިން ހުސްވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނޭ. ފޮޓޯ/ރޮއިޓާސް

ކޮލެރާއިން ދިފާއުވުމަށް ދޭ އޯރަލް ކޮލެރާ ވެކްސިންގެ ސްޓޮކް މުޅި ދުނިޔެއިން ހުސްވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން އެ ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

ވެކްސިން އުފެއްދުން ފުލް ކެޕޭސިޓީގައި ހިންގަމުން އައި ނަމަވެސް ވެކްސިން އުފެއްދޭ މިންވަރަށްވުރެ ގިނައިން ވެކްސިން ބޭނުންވާ ކަމަށް އދ. ގެ ސިއްޚަތާބެހޭ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

"އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް އޯރަލް ކޮލެރާ ވެކްސިންގެ ދުނިޔޭގެ ސްޓޮކް ހުސްވެފައިވާއިރު، ބާކީ އެއްވެސް ޑޯޒެއް ނެތް." ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

"ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ޑޯޒްތަކެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް، މި ދަތިކަމުގެ ސަބަބުން އެ ބަލިން ސަލާމާތްވުމަށް ކުރާ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ."

ޑަބްލިއުއެޗްއޯ އިން ބުނީ ސެޕްޓެމްބަރު އެކަކާއި އޮކްޓޯބަރު 14 އާ ދެމެދު ވެކްސިން ފޯރުކޮށްދިނުމާ ބެހޭ އިންޓަނޭޝަނަލް ކޯޑިނޭޓިން ގްރޫޕަށް ބަންގްލަދޭޝް، ސޫދާން، ނައިޖާ، އިތިއޮޕިއާ އަދި މިޔަންމާ އިން އޯރަލް ކޮލެރާ ވެކްސިން ދިނުމަށް އެދިފައިވާ ކަމަށެވެ.

އެ ވެކްސިންތަކުގެ ޖުމްލަ އަދަދު 8.4 މިލިއަން ޑޯޒަށް އެރި ނަމަވެސް ވެކްސިން މަދުވުމުގެ ސަބަބުން އެ ގައުމުތަކަށް ފޯރުކޮށްދެވޭނީ އެންމެ 7.6 މިލިއަން ޑޯޒް ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް ކޮލެރާގެ 439،724 ކޭސް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި 3،432 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ. މިއަހަރު ކޮލެރާ ފެނިފައިވާ ގައުމުތަކުގެ އަދަދު ވަނީ 30އަށް އުފުލިފައެވެ.

"މިދިޔަ އަހަރަށް ވުރެ މި އަހަރު ބަލި ޖެހުނު މީހުންގެ އަދަދު 16 ޕަސެންޓް މަދުވި ނަމަވެސް، މަރުވާ މީހުންގެ އަދަދު 126 ޕަސެންޓް އިތުރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް" ޑަބްލިޔުއެޗްއޯގެ ރިޕޯޓުގައިވެއެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ސިއްޚީ ޚިދުމަތް ލިބޭނެ ގޮތް ދަތިވެފައިފާއި ސަރަހައްދުތަކުގައި ބަލި ފެތުރި، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

ކޮލެރާ އަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެކެވެ. އެ ބަލި ޖެހުމުން ވަރަށް ބޮޑަށް ބޭރަށް ހިންގައެވެ. އޭގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ، އަވަހަށް ފަރުވާ ނުދެއްވިއްޖެނަމަ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރާނައަށް ނުރައްކާވެއެވެ. ބަލި ޖެހެނީ ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ފެނުގެ ސަބަބުންނެވެ. ކޮލެރާގެ ނުރައްކާ އެންމެ ބޮޑީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

comment ކޮމެންޓް