އާއިލާއާ އެކު އަލީ ސަން ސިޔާމް އޮޅުވެލީގައި

ޓެލެވިޒަން ތަރި އަލީ ގޮނީ ސަން ސިޔާމް ރިސޯޓުގައި--ފޮޓޯ/ދަ އެޑިޝަން

އިންޑިއާގެ މަޝްހޫރު ތަރި އަލީ ގޮނީ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެއެވެ.

ނޫސްތަކުގައި ވާގޮތުން އަލީ އާއިލާއާ އެކު ރާއްޖެ އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. ރާއްޖޭގެ މަގުބޫލު ރިސޯޓެއް ކަމަށްވާ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ބުނެ، އަލީ ވަނީ އެ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައެވެ.

އިންސްޓަގްރާމްގައި ޕޯސްޓުކުރި ފޮޓޯތަކާ އެކު އަލީ ބުނެފައިވަނީ މި ދަތުރަކީ މިހާތަނަށް އަލީއަށް ކުރެވުނު އެންމެ ހިތްގައިމު ދަތުރަށް ވާނެ ކަމަށެވެ.

އަލީ ގޮނީ ލޯބިވެރިޔާ ޖޭސްމިންއާ އެކު--ފޮޓޯ/ކޮއިމޮއި

އަލީގެ އާއިލާގެ މެންބަރުންނާ އެކު އެކްޓަރަށް ބޮޑު ބޭބެ ކިޔާ ތުއްތު ކުދިން މި ދަތުރުގައި ބައިވެރިވެފައިވާއިރު އަލީގެ ލޯބިވެރިޔާ އަދި މަޝްހޫރު ޓެލެވިޒަން ބަތަލާ ޖޭސްމިން ބާސިން ވެސް ވަނީ މި ދަތުރުގައި ރާއްޖެ އައިސްފައެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކާ އެކު އަލީ ވަނީ ޚާއްސަ ކޯޑެއް ބޭނުންކޮށްގެން އެ ރިސޯޓުން ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ބުނެފައެވެ.

އަލީއާއި ޖޭސްމިން އަކީ ކަލާސް ޗެނަލްއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ 'ބިގް ބޮސް'ގެ 14 ވަނަ ސީޒަންއިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޖޯޑެކެވެ. ސްޓާޕްލަސްއިން ގެނެސްދިން 'ޔޭ ހޭ މޮހައްބަތޭން'ގެ ރޯލަކުން އާއްމުންގެ މަގުބޫލުކަން ހޯދި އަލީ ވަނީ ޓެލެޑްރާމާގެ އިތުރުން ތަފާތު އެކި ޝޯތަކުގައި ވެސް ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސްޓާޕްލަސްއިން ގެނެސްދިން 'ނަޗް ބަލިޔޭ' ވެސް ހިމެނެއެވެ.

comment ކޮމެންޓް