އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއަކީ ޖޫހީ

ފިލްމީ ތަރި ޖޫހީ ޗާވްލާ--ފޮޓޯ/ކޮއިމޮއި

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން އެންމެ މުއްސަނދި ފިލްމީ ތަރިއަކީ ޖޫހީ ޗާވްލާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖޫހީއަކީ 90އިގެ އަހަރުތަކުގެތެރޭ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނުނު ތަރިއެކެވެ. ޖޫހީގެ ފިލްމުތަކަށް ލިބެމުން އައި ކާމިޔާބީއާ އެކު ބަތަލާއަށް ދިޔައީ ތަފާތު އެކި އެންޑޯސްމެންޓްތަކުން ފުރުސަތު ލިބި އެ ވިޔަފާރިތަކަށް ވެސް ބޮޑު ކާމިޔާބީއެއް ޖޫހީގެ ސަބަބުން ވަނީ ލިބިފައެވެ.

ވޭތުވެދިޔަ ދެ ތިން އަހަރުތެރޭ ވެސް ޖޫހީގެ ހިޓް ފިލްމެއް ރިލީޒްކޮށްފައިނުވާއިރު ވެސް އިންޑިއާގެ އެންމެ މުއްސަނދި 10 ފިލްމީ ތަރިންގެ ތެރޭ ޖޫހީގެ ނަން ހިމެނެއެވެ.

ފިލްމީ ތަރި ޖޫހީ ޗާވްލާ ފިރިމީހާ ޖޭ މެހެތާއާ އެކު--ފޮޓޯ/ކޮއިމޮއި
ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން އިންޑިއާގައި ނެރޭ ހުރުން ރިޕޯޓުގެ ނަތީޖާއަށް ބަލާއިރު އެންމެ މުއްސަނދި ފިލްމީ ބަތަލާގެ މަގާމް ޖޫހީއަށް ލިބިފައިވާއިރު ބަތަލާގެ އާމްދަނީގެ އަދަދު 580 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

މިއީ ޖޫހީއަށް ފަހު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައިވާ ޖޫނިއަ ބަތަލާއިންނަށް ވުރެ ވެސް މާ ބޮޑު އަދަދަކަށްވާއިރު ޖޫހީއަށް ފަހު ދެވަނައަށް އެންމެ މުއްސަނދި ބަތަލާގެ މަގާމު ލިބިފައިވަނީ އައިޝްވާރިޔާ ރާއީ ބައްޗަން އަދި މި ރިޕޯޓުގެ ތިންވަނައިގައި އޮތީ ޕްރިޔަންކާ ޗޯޕްޅާއެވެ.

ޖޫހީ ކޯ-ސްޓާ އަދި ބިޒްނަސް ޕާޓްނާ ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ މަލްޓިނޭޝަނަލް ކުންފުނި މެހެތާ ގްރޫޕްގެ ވެރިޔާ ޖޭ މެހެތާއާ ކައިވެނިކުރުމަށްވފަހު ޖޫހީ ފިލްމުތަކުން ފެނިފައިވަނީ ވަރަށް މަދުންނެވެ. އަމިއްލަ ވިޔަފާރި އިންވެސްޓްމަންޓްތަކުން ވެސް ބޮޑު އާމްދަނީއެއް ޖޫހީއަށް ލިބޭއިރު އެކްޓަރު ޝާހްރުކް ޚާނާއި ގޯރީ ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީސް ގްރޫޕަކީ ވެސް ޖޫހީގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޖޫހީއަކީ އަމިއްލަ ކުރިކެޓް ޓީމްތައް ވެސް ހިންގާ ތަރިއެކެވެ.

އޭގެ ތެރޭގައި ހިމެނޭ އައިޕީއެލް ޓީމް 'ކޮލްކަތާ ނައިޓް ރައިޑާސް"އަކީ ޝާހްރުކް ޚާން އަދި ޖޫހީ ފިރިމީހާ ޖޭ މެހެތާގެ ހިއްސާ އޮންނަ ޓީމެކެވެ. ޖޫހީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ފްރައިޑޭ ނައިޓް ޕްލޭން"އިންނެވެ.

comment ކޮމެންޓް