ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގު ގްރޫޕް ޑީގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަންހެން ޓީމާއި ހެމަބީ ބައްދަލުކުރި މެޗު ބާސާއިން ފަސޭހަކަމާ އެކު ކާމިޔާބުކޮށްފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔަބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 9-0 އިންނެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ބާސާއިން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެރޮލީން ގްރަހަމް ހެންސެންއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ކްލައުޑިއާ ޕީނާވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު އެ ޓީމަށް ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެލެކްސިއާ ޕުޓެޔާސްވަނީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.
މިމެޗުގެ ދެވަނަ ހާފު ވެގެންދިޔައީ ބާސާގެ ފަރާތުން އިތުރު ލަނދުތަކެއް ފެނިގެންދިޔަ ހާފަކަށެވެ. މިގޮތުން މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މާޕީ ލިއޯންއެވެ. މެޗުގައި ބާސާގެ ފަސްވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޕީނާއެވެ.
ހަވަނަ ލަނޑު އީވާ ޕަހޯ ކާމިޔާބުކޮށްދިންއިރު ހަތްވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ގްރަހަމް ހެންސަންއެވެ. ފަހު ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެސްމީ ބްރުގްޓްސްއާއި ފްރިޑޮލީނާ ރޮލްފޯއެވެ.
މި ކާމިޔާބީއާ އެކު ބާސާއިން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކާމިޔާބީ ހާސިލުކޮށްފައެވެ. މިއާ އެކު ބާސާގެ އަންހެން ޓީމު އޮތީ ގްރޫޕް ޑީގެ ދެވަނައިގައެވެ. ހެމަބީ އުޅެނީ ބާސާއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް މެޗުގައި ބައިކޮޅަށް ވަން ލަނޑުތަކާ އެކު ގްރޫޕްގެ ތިންވަނައިގައެވެ.